ސިންގަޕޫރު

ސިންގަޕޫރަކީ ރާއްޖެ، ބޭރާ ގުޅުވައިދޭ ފާލަން: ރައީސް

ސިންގަޕޫރަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމެއް ކަމަށާއި އެގައުމަކީ ޒަމާނުއްސުރެ ރާއްޖެ އާއި ބޭރުދުނިޔެ ގުޅުވާލަދޭ ފާލަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެ ކަނބަލުން ސިސްގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުން ރަސްމީކޮށް މަރުހަބާ ދެންނެވުން އެގައުމުގެ ރައީސާގެ ރަސްމީ ގަނޑުވަރު އިސްތާނާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ސިންގަޕޫރަކީ ރާއްޖޭގެ ރައްޔިތުން ބޭސްފަރުވާއަށާއި ތައުލީމު ހާސިލް ކުރުމަށް ދަތުރުކުރާ ގައުމެއް ކަމަށެވެ. އަދި ސިންގަޕޫރަކީ ރާއްޖެއިން އެންމެ ބޮޑު ވިޔަފާރީގެ ގުޅުމެއް އޮންނަ އެއް ގައުމު ކަމަށްވެސް ރައީސް ވިދާޅުވިި އެވެ.

ރައީސް ވިދާޅުވީ، ދެގައުމަށްވެސް ކުރިމަތިވަނީ އެއް ގޮންޖެހުންތަކެއް ކަމަށާއި އެފަދަ ކަންކަމާ ކުރިމަތިލަނީ އެއްކޮށް ކަމަށެވެ. އެގޮތުން ވިޔަފާރީގެ ގޮތުންނާއި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށާއި ޓެރިޒަމާއި މޫސުމީ ބަދަލުތަކަށް ދެގައުމުން ހައްލު ހޯދަން މަސައްކަތް ކުރަނީ އެކުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދެގައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ހާޒިޖީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޒުވާން ޑިޕްލޮމެޓުންނަށް ހާރިޖީ ދާއިރާއިން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.