މުހައްމަދު ނާޒިމް

ނުކުޅެދުންތެރިންގެ އިނާޔަތް ބޮޑު ކުރަން ހުށަހަޅައިިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް ބިލެއް މިއަދު ހުށަހަޅައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އެ އިސްލާހު ގެންނަން މަޖިލީހަށް މިއަދު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.

އެ ގާނޫނުގައި މިހާރު އޮންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ފަރާތަކަށް ކޮންމެ މަހަކު މަދުވެގެން 2000 ރުފިޔާގެ ގެ އިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.

މިއަދު މަޖިލީހަށް ނާޒިމު ހުށަހެޅުއްވި ބިލުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލައި އެ މީހުން ގިންތި ކުރަން ވާނެ ކަމަށެވެ. އަދި ދަފުތަރުން އެ މީހަކު އުނިކުރާ ދުވަހާ ހަމައަށް އެއިން ކޮންމެ މީހަކަށް ކޮންމެ މަހަކު 5000 ރުފިޔާ އާއި 7000 ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.

އަދި ނުކުޅެދުންތެރި ކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ ފަރާތްތަކަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

އެ ބިލު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ނާޒިމް ވިދާޅުވެފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބެލެހެއްޓުމަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން އެކަށޭނެ ގޮތެއްގައި ލިބިދެވޭނީ އެ މީހުންނަށް މިހާރު ލިބޭ މާލީ އިނާޔަތްތައް އިތުރުވެގެން ކަމަށެވެ.