ދުނިޔެ

ހޮންގްކޮންގް މުޒާހަރާ: ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފި

Jul 2, 2019

ހޮންގް ކޮންގް (ޖުލައި 2) - ހޮންގް ކޮންގް ގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ބަޔަކު ގަދަ ކަމުން ގާނޫނު ހަދާ ކައުންސިލްގެ އިމާރަތަށް ވަދެ ދިން ގެއްލުންތައް، ޗީފް އެގްޒެކެޓިވް ކެރީ ލޭމް ކުށްވެރި ކުރައްވައިފި އެވެ.

ހޮންގް ކޮންގްގެ ހިންގުން ޗައިނާއާ ހަވާލު ކުރިތާ ފަހުން 22 އަހަރު ފުރުން ފާހަގަ ކުރުމާ ދިމާކޮށް ގިނަ ބަޔަކު މަގުތަކަށް ނުކުމެ ކުރި މުޒާހަރާގެ ތެރެއިން، ލެޖިސްލޭޓިވް ކައުންސިލްގެ އިމާރާތުގެ ދޮރުތައް ހަލާކުކޮށްލައިގެން ވަނީ ވަދެފަ އެވެ. ފުލުހުންނާ ދެމެދު ހިނގި ބޮޑެތި ކުރިމަތުލުންތަކަކަށްފަހު އެ އިމާރާތުން މުޒާހަރައިގެ ބައިވެރިން މިހާރު ވަނީ ނެރެފަ އެވެ.

ކެރީ ލޭމް ނޫސްވެރިންނަށް ވިދާޅުވީ މުޒާހަރާގެ ބައިވެރިން ހިންގި ހަމަނުޖެހުންތަކާމެދު ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސުލްހަވެރި މުޒާހަރާއެއްގެ މިންގަނޑުތަކުގެ ބޭރުން ހަމަނުޖެހުން ހިންގާ، ގާނޫނުތައް މުގުރާލުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އަދި އެ މުޒާހަރާގެ ތެރެއިން ހިންގާފައިވާ ހަމަނުޖެހުންތަކާއި ދިން ގެއްލުންތައް ތަހުގީގުކޮށް އެ އަމަލުގައި ބައިވެރިވި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ވެސް ލޭމް ވަނީ ދެއްވައިފަ އެވެ.

އިނގިރޭސި ވިލާތުން ހޮންގްކޮންގް ޗައިނާ ސަރުކާރާއި 1997 ވަނަ އަހަރު ހަވާލުކޮށްފައި ވާއިރު މިއަދު ހެނދުނު މުޒާހަރާއަށް ނުކުމެފައި ވަނީ، ޗައިނާއާއަށް ކުށްވެރިން ބަދަލު ކުރެވޭ ގޮތަށް އެކުލަވައިލި އެކްސްޓްރަޑިޝަން ބިލާ ދެކޮޅަށް އެތަކެއް ހަފުތާއެއް ވަންދެން މިލިއަނަށް ވުރެ ގިނަ މީހުން މުޒާހަރާ ކޮށްފައި ވަނި ކޮށެވެ.

އެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާއިރު، އެ ބިލް ފާސް ކުރުން ވަނީ ފަސްކޮށްފަ އެވެ. ލޭމް ވިދާޅުވެފައި ވަނީ އެގޮތަށް ނިންމީ ރައްޔިތުންގެ އަޑުއަހަން ކަމަށެވެ.

ނަމަވެސް، ފާސް ކުރުން ފަސް ނުކޮށް އެ ބިލު އަނބުރާ ގެންދަން ގިނަ ބަޔަކު އަދިވެސް ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ތެރެއިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އަނިޔާވި މީހުންނަށް ސަރުކާރުން މައާފަށް އެދެންޖެހޭ ކަމަށާއި މިނިވަން ތަހުގީގެއް ކުރުމަށްވެސް އެމީހުން ދަނީ ބުނަމުންނެވެ.