ދުނިޔެ

ބިލް އަނބުރާ ނުގެންދާތީ ހޮންކޮންގްގައި މުޒާހަރާ ކުރިއަށް

ހޮންގްކޮންގްގެ ސަރުކާރުން އިސްލާހުތަކަކާއެކީ ފާސްކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ފަސްކުރި ނަމަވެސް، އެ ބިލް އަނބުރާ ނުގެންދަނީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަށް ހުއްޓާނުލާ ގެންދަން ނިންމައިފި އެވެ.

އެ ބިލްގައިވާ ގޮތުން، އެހެން ގައުމެއްގެ ކުށްވެރިއެއް ހޮންގްކޮންގްގައި ހުރެ އެ މީހަކު ކުށްވެރިކުރާ ސަރުކާރަކުން އޭނައާމެދު ގާނޫނީ ފިޔަވަޅު އަޅަން އެދި އެ ގައުމަކަށް ފޮނުވާދޭން އެދިއްޖެ ހާލަތެއްގައި އެމީހަކު އަނބުރާ އެ ގައުމަކަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގްއަށް ލިބިގެންވެ އެވެ.

އޭގެ އިތުރުން ޗައިނާ ސަރުކާރުން އެދެފި ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބިގެން ދެއެވެ. ހޮންގްކޮންގްއިން 20 ގައުމަކާއެކީ އެކްސްޓްރަޑިޝަން އެއްބަސްވުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ހިމެނެ އެވެ.

މި ބިލް ފާސްނުކުރުމަށް ގޮވަލާ އިއްޔެ އެކަނިވެސް 10،000 މީހުން ވަނީ ޗައިނާގެ ބޯޑަރު ކައިރީގައިވާ ޝާޓީން ސަރަހައްދުގައި މުޒާހަރާކޮށްފަ އެވެ. އިއްޔެގެ މުޒާހަރާ ހޫނުވެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ މެދު ވަނީ ކުރިމަތިލުންތަކެއްވެސް ހިނގި އެވެ.

ޖޫން މަހުން ފެށި މި މުޒާހަރާތަކުގައި މިލިއަނެއްހާ މީހުން ބައިވެރިވެފައިވާއިރު، މިއީ މިހާތަނަށް ހޮންގްކޮންގައި ކުރަމުންދާ އެންމެ ބޮޑު މުޒާހަރާ އެވެ.