ދުނިޔެ

ހޮންގްކޮންގު މުޒާހަރާ އަދިވެސް ކޮންޓްރޯލް ނުކުރެވޭ

މިއަހަރުގެ އޯގަސްޓް މަހުން ފެށިގެން ހޮންގްކޮންގުގައި ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި އަމާންކަން ވަނީ ގެއްލިފަ އެވެ. މި ހަފުތާގައި މުޒާހަރާގެ ބައިވެރިން ވަނީ މަގުމައްޗަށް ނުކުމެ މުޅި ގައުމު ޕެރަލައިޒް ކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ހޮންގްކޮންގުގެ ބޮޑެތި މަގުތަކުގައި މުޒާހަރާ ކުރަމުންދާތީ އެ ގައުމުގެ ހުރިހާ ސަރުކާރު އޮފީސްތަކާއި ދަތުރުފަތުރު ކުރުން ވަނީ މިހަފްތާގެ އާދިއްތަ ވަނަ ދުވަހުން ފެށިގެން ހުއްޓުމަކަށް އައިސްފަ އެވެ.

އޮގަސްޓް މަހުން ފެށިގެން ކުރަމުން އަންނަ މި މުޒާހަރާގެ ބައިވެރިން ވަނީ ފުލުސް އޮފީސްތަކަށް ޕެޓްރޯލް ބޮމުން ހަމަލާދީ ފުލުހުންގެ ވެހިކަލްތައް ވެސް އަންދާފަ އެވެ. އަދި ރޭލު ތަކަށް ވެސް ގެއްލުންދީފައި ވެއެވެ. މުޒާހަރާތަކުގެ ސަބަބުން ހޮންގްކޮންގުގެ ބޭންކުތަކަށް ގެއްލުންވެ އެގައުމުގެ އިގްތިސޯދަށް ދަނީ ގެއްލުންވަމުންނެވެ.

ހޮންގްކޮންގުގައި އެންމެ ފުރަތަމަ މުޒާހަރާކުރަން ފެށީ، އެގައުމުން ފާސް ކުރަން އުޅުނު އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށެވެ. ބިލް އަނބުރާ ގެންދިޔުން ދެން މުޒާހަރާކުރަން ފެށީ، ހޮންގްކޮންގުގެ ލީޑަރު ކެރީ ލޭމް މަގާމުން އިސްތިއުފާ އެދި އެވެ. މުޒާހަރާގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ލޭމް އަމަލު ކުރަމުންދަނީ ޗައިނާ ސަރުކާރުގެ އެންގުންތަކަށެވެ.

މުޒާހަރާގައި މިހާރު ހޮންގްކޮންގުގެ ދަރިވަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި އެ ދަރިވަރުން ވަނީ ކިޔަވަމުން ދިޔަ ޔުނިވާސިޓީތަކުގައި އަލިފާން ރޯކޮށްފަ އެވެ. ކެނޑިނޭޅި ކުރިއަށް ގެންދާ މުޒާހަރާގެ އަޑު ޗައިނާ ސަރުކާރަށް ފޯރާފައިވާ ކަމުގައި ވިޔަސް އެ ގައުމުން ބުނަމުންދަނީ ހޮންގްކޮންގުގެ ލީޑަރު ކެރީ ލޭމްއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވަމުން ނުދާ ކަމަށެވެ.

ކެރީ ލޭމް ވެސް ވިދާޅުވަނީ އޭނާ މަގާމުގެ މަސްއޫލިއްޔާތު އަދާކުރަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.