މި އަހަރުގެ އޯގަސްޓު މަހުން ފެށިގެން ހޮންކޮންގުގައި ކުރަމުންދާ މުޒާހަރާތައް އަނެއްކާވެސް ހޫނުވެ ގައުމު ހުއްޓުމަކަށް ގޮސްފައި ވަނިކޮށް، އިއްޔެ ކުރިއަށް ދިޔަ މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންނަށް އަމާޒުކޮށް ބައިވެރިން ދިން އަނިޔާތަކާ ގުޅިގެން ފުލުހުން މުޒާހަރާ ކުރާ މީހުންނަށް ހަމަލާ ދީފި އެވެ.
އިއްޔެގެ މުޒާހަރާގައި ބައިވެރިވި މީހުން ވަނީ ފުލުހުން ގަޔަށް ދުނިދަނޑި އުކާފަ އެވެ. ދުނި ދަނޑީގައި ބޭނުންކުރީ ދަނގަޑު ދޮންކޮށްގެނެވެ. އޭގެ ސަބަބުން ޒަހަމްވި ގިނަ އަދަދެއްގެ ފުލުހުންނަށް އިއްޔެ ފަރުވާދޭން ވެސް ޖެހުނެވެ.
ހަމަލާ ދޭން ބޭނުން ކުރި ބައެއް ދުނި ދަނޑިތަކުގެ ކުރީގައި ވަނީ އަލިފާން ވެސް ރޯކޮށްފަ އެވެ. އިއްޔެގެ މުޒާހަރާ ކުރިއަށް ދިޔައީ ޔުނިވާސިޓީއެއްގެ އެތެރޭގަ އެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ނުވަދެވޭނެހެން ގޭޓް ބަންދުކޮށް ފުލުހުންނަށް ދޮން ދަގަނޑުން ހަމަލާ ދީފައި ވެއެވެ.
ހުއްޓުމެއް ނެތި ފުލުހުންނަށް ހަމަލާދޭން ފެށުމުން ރަޔަޓް ބަޑީގެ އެހީގައި ގޭޓް ހަލާކު ކޮށްލުމަށް ފަހު ފުލުހުން ވަނީ، މުޒާހަރާގެ ބައިވެރިންގެ ގައިގައި އޭންކަލް ބޫޓާއި މުގުރިން ތަޅާފަ އެވެ. އަދި ލީތަލް ވެޕަން ބޭނުން ކުރަން ޖެހޭ އިމުގެ ބޭރުން ބާރު ވެސް ބޭނުން ކޮށްފައި ވެއެވެ.
ފުލުހުން ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށްބުނެ ގިނަ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އޯގަސްޓް މަހު ފެށުނު މުޒާހަރާތަށް ހޫނުވީ ވެސް ފުލުހުން ބާރުގެ ބޭނުން އެކަށިގެންވާ ވަރަަށް ވުރެ ބޮޑަށް ބޭނުން ކުރުމުންނެވެ. އަދި ގޭންގަކުން މުޒާހަރާގައި ބައިވެރިވި ސިޔާސީ ލީޑަރަކަށް ދިން ހަމަލާތަށް ހުއްޓުވުމަށް ފުލުހުން ނުކުޅެދުމުންނެވެ.