ދުނިޔެ

ހޮންގްކޮންގް މުޒާހަރާ ޗައިނާއިން ކުށްވެރިކޮށްފި

ހޮންގްކޮންގައި މިހާރަ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ހިނގަމުންދާ ލާއިންސާނީ އަމަލުތައް ޗައިނާއިން ކުށްވެރިކޮށްފި އެވެ.

ހޮންގްކޮންގް މުޒާހަރާތައް މިދިޔަ ހަފުތާއާ ހަމައިން ވަނީ ވަރަށް ބޮޑަށް ހޫނުވެ ހަމަނުޖެހުމާއި މާމާރީއަށް ބަދަލުވެފަ އެވެ. އަދި ސިޔާސީ ލީޑަރަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. މީގެ އިތުރުން އާންމުންނާއި ފުލުހުން އެއް ބަޔަކު އަނެއް ބަޔަކަށް ކުރިމަތިލުމުގެ ސަބަބުން މުޒާހަރާގެ ކޮންޓްރޯލް ގެއްލި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައި ވެއެވެ. މިއަދުވެސް މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި އާންމުގެ ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ހޮންކޮންގު މުޒާހަރާތެރޭގައި ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ޗައިނާ ސަރުކާރުން މަކާއު އަދި ހޮންގްކޮންގަށް ކަނޑައަޅާފައިވާ ތަރުޖަމާނު ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ގާނޫނުގައިވާ ގޮތަށް މުޒާހަރާކުރަން ގޮވާލާ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެދާނެ ފަދަ ކަމެއް ނުކުރަންވެސް ގޮވާލާފައި ވެއެވެ.

"އުއްމީދުކުރަން، ޗައިނާ މީހުން ގާނޫނު ނަގަހައްޓައި ގާނޫނު ގައިވާ ގޮތަށް މުޒާހަރާކުރާނެ ކަމެއް. އަދި މިހާރު ދިމާވެފައިވާ ހާލަތު އިތުރަށް ގޯސް ނުކުރުމަށް ވެސް އެދެން،" ތަރުޖަމާނު ވިދާޅުވި އެވެ.

ހޮންކޮންގައި ހުއްޓާނުލާ މުޒާހަރާ ކުރަމުންދާތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީވެފަ އެވެ. މި މުޒާހަރާތަކަކީ، ހޮންގްކޮންގު ސަރުކާރުން އިސްލާހުތަކަކާއެކީ ފާސް ކުރަން ހުށަހަޅާފައިވާ އެ ގައުމުގެ އެކްސްޓްރެޑީޝަން ބިލް ފާސް ކުރުން ފަސް ކުރި ނަމަވެސް، ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކެވެ.

މަޖިލީހަށް ހުށަހެޅި އެކްސްޓްރެޑިޝަން ބިލް ގައިވާ ގޮތުން އެހެން ގައުމެއްގެ ކުށްވެރިއެއް ހޮންގްކޮންގްގައި ހުރެ އެ މީހަކު ކުށްވެރިކުރާ ސަރުކާރަކުން އޭނާއާމެދު ގާނޫނީ ފިޔަވަޅު އަޅަން އެދި އެ ގައުމަކަށް ފޮނުވައިދޭން އެދިއްޖެ ހާލަތެއްގައި އެމީހަކު އަނބުރާ އެ ގައުމަކަށް ފޮނުވާލުމުގެ ބާރު ހޮންގްކޮންގަށް ލިބިގެންވެ އެވެ.

އޭގެ އިތުރުން ޗައިނާ ސަރުކާރުން އެދެފި ހާލަތެއްގައި ހޮންގްކޮންގް ފަސްގަނޑުގައި ހުރި ކޮންމެ މީހަކު ހައްޔަރުކޮށް އަނބުރާ ޗައިނާއަށް ފޮނުވާލުމުގެ ބާރު ޗައިނާއަށް ލިބެ އެވެ. ހޮންގްކޮންގުން 20 ގައުމަކާއެކީ އެކްސްޓްރަޑިޝަން އެއްބަސްވުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ހިމެނެ އެވެ.

ކުރިން އިނގިރޭސިވިލާތުގެ އަޅުވެތިކަމުގައި އޮތް ހޮންގްކޮންގައި މިހާރު އަމިއްލަ ދައުލަތެއް އޮންނަ ނަމަވެސް އަސްކަރީ ކަންކަމުގައި ހަރަކާތްތެރިވަނީ ޗައިނާ އެވެ. ޗައިނާގެ ނުފޫޒުގެ ސަބަބުން އެ ގައުމަށް ބޭރުގެ އެހީތައް ނުލިބޭ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ މީގެ ކުރިން ޗައިނާ ބޯޑަރު ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ.