ހުޅުދުއްފާރު

ހުޅުދުއްފާރު މަގުހަދަން 600 އަށްވުރެ ގިނަ ރުއް ނަގަނީ

Jul 2, 2019
13

ރ. ހުޅުދުއްފާރު މަގު ހަދަން 600 އަށްުވުރެ ގިނަ ރުއްގަސް ނަގަން ކައުންސިލުން ނިންމައިފި އެވެ.

ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ، ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށްޓަކައި އެ މަގުތަކުގައި ހުރި ރުއްތަކާއި ގަސްތައް ނަގަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ކައުންސިލުން ނިންމާފައި ވަނީ ރައްޔިތުންގެ ބައްދަލުވުމުގައި ނެގި ވޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ، ރަށުގެ އެ މަގުތަކުގައި 643 ރުކާއި ގަސް އެބަހުރި ކަމަށާއި ކައުންސިލުން ނިންމާފައި ވަނީ އެރުއްތަކާއި ގަސްތައް ރަށުގެ ހޭޅިފަށުގައި އިންދަން ކަމަށެވެ.

"މަގު ހެދުމުގެ ޑިޒައިންގެ މަސައްކަތް، އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން މިހާރު ކުރިއަށްގެންދާތީވެ، ޑިޒައިން އަދި އޮންނާނެ ގޮތެއް ނޭނގޭ. އެހެންކަމުން އެތަނުން ކިހާ ރުކެއް ކަމެއް ނަގަންޖެހޭނީ އޭނގޭނީ ޑިޒައިން ފެނުނީމަ،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަން އެގޮތަށް ކުރަން ކައުންސިލުން ނިންމި ނަމަވެސް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަދި އެކަމަށް ހުއްދަ ނުދޭ ކަމަށެވެ.

އެކަމާ ނުރުހުން ފާޅުކޮށް ބައެއް ރައްޔިތުން އަންނަނީ ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. އެރަށުން ވާހަކަ ދެއްކި މީހަކު މިއަދު ކިޔައިދިން ގޮތުގައި، އެރުއްތައް އެހެން ތަނަކަށް ބަދަލު ކުރަން ނިންމީ ރައްުޔިތުންގެ ތެރެއިން ސާޅިހަކަށް މީހުނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އަދި ގިނަ ރައްޔިތުން އެކަމަށް ތާއީދު ނުކުރާ ކަމަށާއި އެކަމާއި ދެކޮޅަށް ޕެޓިޝަނެއް ރައީސް އޮފީހަށާއި އީޕީއޭއަށް އަދި ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅަން މަސައްކަތް ކުރާ ކަމަށެވެ.

"ރައްޔިތުންގެ އެ ބައްދަލުވުމުގައި ބައިވެރިވީ 40 ހަކަށް މީހުން، މިއީ 1500 އަށްވުރެ އާބާދީ ބޮޑު ރަށެއް، އެފަދަ ނިންމުމެއް އެ ގޮތަށް ނިންމިގެން ނުވާނެ. މަގުތައް ޑިޒައިން ކުރަން ހަވާލުކޮށްފައިވާ ފަރާތްތަކުން ވަނީ އެރުއްތައް ބަހައްޓައިގެން ތާރު އެޅޭނެކަމަށް ބުނެފަ، އެހެންވެ މާދަމާ ރައީސް އޮފީހަށާއި އީޕީއޭ އަށް އަދި ޕްލޭނިން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅަން ނިންމާފައިވަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އެރަށު މަގުތަކުގައި ރުއްތައް އިންދާފައިވަނީ ވަރަށް ކުރިންސުރެ ވެސް ވަރަށް ރީތިކޮށް ޕްލޭނަކާއެކު އިންދާފައިވާ ރުއްތަކެއް ކަމަށެވެ. އެގޮތުން އެރަށުގެ ބޮޑެތި މަގުތަކުގައި ކޮންްމެ 15 ފޫޓް ދުރުމިނެއްގައި ރުއް އިންދާފައިވާ ކަމަށެވެ. އެގޮތަށް އިންދާފައިވާ ރުއްތައް ނެގުމަކީ ރަށުގެ ރީތިކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ.