އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު ބާއްވައި، ޕާލިމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފި އެވެ.
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެންބަރުން ހޮވުމަށް މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި ވާދަވެރިކަމެއް އޮތީ ހަމައެކަނި ވިޕުންގެ މާގަމުތަކަށެވެ. އެހެން މަގާމުތަކަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ބޭނުންވާ އަދަދަށެވެ. އެހެންކަމުން އެ މަގާމުތަކުގެ އިންތިހާބު ކުރިއަށް ދިޔައީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގަ އެވެ. މި އިންތިހާބު ކުރިއަށް ދަނީ ސިއްރު ވޯޓު ދޭ ގޮތަށް އާންމު އިންތިހާބުތައް ބާއްވާ އުސޫލުންނެވެ.
އެ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެކަންޏެވެ. ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ދެ މެންބަރަކު އިންތިހާބު ކުރަން ޖެހޭއިރު، އެ މަގާމުތަކަށް ކުރިމަލިލެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ. މި މަގާމުތަކަށް އެ މެންބަރުން ހޮވުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
އަމީންއާންމުގެ މަގާމަށް އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ކުރިމަތިލެއްވިއިރު، އަމީންއާންމުގެ ނައިބުގެ މަގާމަށް ކުރިމަތިލެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕްގެ މަގާމަށް ކުރިމަތިލެއްވި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. މި މެންބަރުން ވެސް މަގާމުތަކަށް ހޮވުނީ ވޯޓު ދެއްވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އެއިރު އެމަނިކުފާނު ހުންނެވީ ހިންނަވަރު ދާއިރާގެ މެންބަރު ކަމުގަ އެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުން އެ މަގާމަށް ދެން އިންތިހާބު ކުރީ މިހާރު ވެސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަމުގައި ހުންނެވި މުހައްމަދު އަސްލަމް އެވެ.