ހަބަރު

އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަ ނުކުރަން މަޖިލީހުން އެދެފި

އަނިޔާލިބިފައިވާ ފަރާތްތަކާއި މައްސަލަތަކުގައި ހެކިބަސް ދީފައިވާ ފަރާތްތަކުގެ ޒާތީ މައުލޫމާތުތައް ހާމަ ނުކުރުމަށް މެންބަރުންގެ ކިބައިން މަޖިލީހުގެ އިދާރާއިން އެދެފި އެވެ.

މަޖިލީހުން ބުނީ، މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި އެކިއެކި މައްސަލަތަކުގައިި ޖަލްސާ އަަދި ކޮމެޓީ ބައްދަލުވުންތަކުގައި މެންބަރުން ވާހަކަދައްކަވާއިރު މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ކަރާމާތާއި އަބުރު ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. އަދި އެފަރާތްތަކަށް ނުރަށްކަލެއް ކުރިމަތިވެދާނެ ފަރާތްތަކުގެ ކިބައިން ރައްކާތެރި ކުރުމަށްޓަކައި އެފަރާތްތަކުގެ ނަމާއި ޒާތީ މައުލޫމާތު ހާމަ ނުކުރުމަށް ސަމާލުވުމަށް މަޖިލިސް މެންބަރުންގެ ކިބައިން އެދޭ ކަމަށެވެ.

މަޖިލީހުން މެންބަރުންނަށް އިލްތިމާސްކޮށްފައިވާއިރު، ފިލައިގެން އުޅުނު ކުޑަ ކުއްޖާ، އަބްދުﷲ ޝައިމްގެ މައުލޫމާތު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހިއްސާކުރުމާއި ގުޅިގެން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެކަމާމެދު ނުރުހުންފާޅުކުރައްވައިފަ އެވެ.