(1 ޖުލައި 2019 އާ ގުޅޭ)
"ކޮބާ މަންމާ، މަ ބުނީމެއްނު އޭރުވެސް މިދުވަސް އަންނާނެއޭ، ދާއިން އެކައިވެންޏެއް ކުރަން ގަބޫލުވާނެކަމެއް ނެތޭ، މިއަދު މިއޮތީ އެދުވަސް އައިސްފަ، ޒާރާ އެއުޅެނީ ކޮންފަދަ ހާލެއްގަ، އަދި އިންނަންވެސް އެނގުނީ ދަރިވަރުގެ ޅައަންހެން ކުއްޖަކާ، އެއަންހެން ކުއްޖާއަށްވެސް ސާބަސް، ބޮޑު މުސްކުޅިޔަކަސް އިންނަން ކެރުނީތީ މަ ހަމަ ހައިރާންވަން، ރަނގަޅަށްވެއްޖެއްޔާ އެއުޅެނީ ހަމަ ފައިސާގެ ދަހިވެތިކަމުގަ........." ފަލަކްއަށް ކުއްލި ސިހުމެއް ގެނުވީ ފަހީމާއެވެ.
"ފަލަކް...........ތީތަ މިވަގުތު ދައްކަން އެނގުނު ވާހަކައަކީ، ފުކެއްބޮޑުވަރުތީ..........ޒާރާ އެއައީ ދާއިން އޭނަ ދޫކޮއްލައިގެނެއް ނޫނޭ، އަދި އެގޭމީހުން އޭނައަށް ގޮތެއް ހަދައިގެންނެއްވެސް ނޫން، އަދި ކީއް، މަންހާ ޒާރާ ލައްވާ ގުލާނު ކުރުވާތިއެއްވެސް ނޫން.........ކީއްވެތަ ކޮންމެކަމެއް އެއޮންނަ އެންމެ ނުބައި ގޮތަށް ތިވިސްނަނީ، ޒާރާއަށް ދާއިން ވަރުގެ ފިރިއެއް ނުލިބޭނެ، ޒާރާ މަންމަގެ ނަސޭހަތަކީ ދެކުދިން ވަކިނުވައްޗޭ ދުވަހަކުވެސް......" ފަހީމާ ފަލަކްގެ ވާހަކަ އާއިމެދު ހިތްހަމަ ނުޖެހި އޭނައަށް ބާރަށް އެއްޗެކޭ ބުނުމަށްފަހު ޒާރާއަށް ލޯތްބާއިއެކު ނަސޭހަތްތެރިވާންފެށިއެވެ.
ޒާރާ ހަމައަކަށް އެޅުމުން ފަހީމާ އެދުނީ ހަވީރުގެ ސައިބޯން ދިއުމަށެވެ. ގެއަށް ގޮސް ދާއިން އާއި ކުރިމަތިލާންވާނީ ވަރަށް ހަމަޖެހިފައި ހުރެގެން ކަމަށް ފަހީމާ ބުންޏެވެ. ޒާރާ ފަހީމާގެ ވާހަކަތައް ގަބޫލުކުރިއެއްކަމަކު ފަލަކް ދޭތެރެއަކުން ބުނެލާ އެއްޗަކަށްވެސް އޭނަގެ ހިޔާލާ ފިކުރު ހިންގެއެވެ. އިރުއޮއްސި މަގުރިބު ނަމާދަށް ގޮވިވަގުތު ފަހީމާވަނީ ނަމާދަށް އެރުމަށެވެ. ޒާރާ ފަލަކްގެ ކޮޓަރީގައި އިނެވެ.
"ޒާރާ، މަބުނާނެ ވާހަކައެއްނެއް، ދާއިން ގެއްލިދާނެ ދެން..........." ފަލަކް އޭނަގެ އެނދުމައްޗަށް ބަންޑުން ވެއްޓިގަނެގެން އޮވެ ޒާރާ އާއި ވާހަކަދެއްކިއެވެ.
"އަހަރެންދެން ހަދާނީ ކިހިނެއް، ދޮންތަ ބުނެބަލަ........އަހަންނަށްވެސް ފީލްވޭ ދާން އަހަންނާއި ދުރުވާކަން" ޒާރާ ދެރަވެފައި އިނދެ ފަލަކްގެ ހިޔާލެއް ހޯދިއެވެ.
"ދުރުވަނީ ޒާރާވެސް އޭނަ ދުރުވާން ފުރުޞަތުދޭތީވެ، ނިކަން މުށުތެރެއަށް ގެނެސްލާބަލަ، އޭރުން ތި މަންހާއަކަށް ފޮންޏެއް ނުވެވޭނެ" ފަލަކް ފޮނިގޮތަކަށް ބުނެލިއެވެ.
"އެހެން ކިހިނެއް ހަދާނީ، މިއަދު ދަރިފުޅާ ހަނގުއަނބި ގޮވައިގެން ގެއަށް އެއައީ، މާބުރެހެއްދެން ދާން އެނބުރޭނީ މަންހާގެ ގާތުގަ، އުޒުރަކަށް ދައްކާނީ ދަރިފުޅުގެ ގާތަށް ދާންޖެހޭނެ ކަމަށް، ތިމަންނަގެ ދަރިއެއްވީމަ އެކުއްޖާއަށް އަޅާލާ ލޯބިދޭންޖެހޭނެ ކަމަށް...........ދެން ދޮންތަ ބުނެބަލަ މިވަރުގެ މީހަކު އަހަރެންގެ މުށުތެރެއަށް ވަންނާނެތަ؟" ޒާރާ އޭނައަށް ވިސްނިފައިވާ ގޮތަށް ކަންތައްތައް ކިޔާދިނެވެ.
"ކަމެއްވީމަތާ ދާއިން ޒާ ވަރިނުކޮށް އެހުންނަނީ، އޭގެ ބޭނުން ހިފާބަލަ.........ދަރިފުޅު ބަލާނީ ޒާރާ، އޭރުން ދާއިންވެސް ހުންނާނީ ޒާރާގެ ގާތުގަ، ކޮންމެގޮތެއްވިޔަސް ދާއިންއަކީ ޝަކުވާކޮށް މައްސަލަ ޖައްސާ ޓައިޕްގެ ފިރިހެނެއްނޫން، އޭނައަށް އެދަރިފުޅު މަންހާ ގެންގުޅުނަސް ޒާރާ ގެންގުޅުނަސްވާނީ ހަމަ އެއްގޮތެއް.........ދެން އަނެއްކާ މިދުވަސްކޮޅު މަންހާ އެއުޅެނީ ވިހައިގެން އަދި ގަދަނުވެވިގެން، އޭނަ ގަދަވަންވާއިރަށް ޒާރާއަށް އެތަށް ކަމެއް ކުރެވޭނެ، ދާއިން އާއި ކްލޯސްވެލަން މިއަށްވުރެ ރަނުގެ ފުރުޞަތެއް ކޮބާ، އޭރުން ތިމަންހާވެސް ހުންނާނީ ބާކީވެފަ" ފަލަކް މޮޅު ހިޔާލެއް ހިއްޞާކޮއްލިއެވެ. ޒާރާ ކުޑައިރުކޮޅަކު ވިސްނުމުގެ ތެރެއަށް ގެއްލިގެންދިޔައެވެ.
"އާރ ޔޫ ޝުއަރ ދޮންތާ......މަންހާ އެހާ ގޯސް ކުއްޖެއް ވައްތަރެއް ނުޖަހާ، އޭނަ އަހަންނަކަށް ގޯހެއްނޫން.......ރަނގަޅުވާނެތަ އެކަހަލަ ކަމެއްކުރަން..........އެކަމަކު........." ޒާރާ ވިސްނަމުން ވާހަކަދެއްކިއެވެ.
"ޒާ، އަހަރެންގެ ކޮއްކޮ އެންމެ ލޯބިވާ މީހާ ގެއްލިގެން ދިޔަކަ ނުދޭނަން، ބުނަން ވިސްނަންވީ ވަގުތެއް ނޫން މީ، ޢަމަލް ކުރަންވީ ވަގުތު މީ......." ފަލަކް ތެދުވެ ސީރިއިސްވެލާފައި ޒާރާގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ.
ފަލަކްދެއްކި ވާހަކައަށް އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ޒާރާ ބޭނުމެއްނުވިއެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައި ފަލަކް ބުނި ކޮންމެ ލަފްޒެއްވެސް ބިންވަޅުނެގިފައިވެއެވެ. އޭނަގެ ލޯބިވާ ދާއިން އާއި ދުރަށް ދާކަށް އޭނަ ފަހަރެއްގައިވެސް ބޭނުމެއްނޫނެވެ.
ފަހީމާ މަޤްރިބު ނަމާދުން ފައިބާ ޒާރާ ކޮބާތޯ ބަލާލިއިރު އޭނަ އުޅެނީ ގެއަށް ދިއުމަށެވެ. ސިޓިން ރޫމުގައި ފަލަކް އާއި ވާހަކަދައްކަން ހުރި ޒާރާގެ ގާތަށް ފަހީމާ ދިޔައެވެ.
"ދަރިފުޅު ދަނީތަ، އަދި އަންނައްޗޭ މަންމަ ގާތަށް، ކާރު އަންނަންދެން ދޯ ތިމަޑުކުރަނީ، ދާއިންތަ ބަލާ އަންނަނީ" ފަހީމާ އޭނަގެ އަތުގައި އޮތް ބުރުގާ ހެޔޮވަރުކޮއްލަމުން ބުނެލިއެވެ. އަދި ޒާރާގެ ބުރަކަށީގައި ފިރުމާލިއެވެ.
"ނޫން، އަޅުގަނޑު އައީ ޓެކްސީއެއްގަ، ރަނގަޅުވާނެ، ޓެކްސީއެއްގަ ގެއަށްދާނީވެސް، އަދި އަންނާނަން މަންމާ، އެހާ ލަސްވަންދެން ނީދެވޭނެއެއްނު، ދާއިން އަޅުގަނޑު ހޯދަވެސް ފާނެ، އަޅުގަނޑު މިއައީ ފޯނުވެސް ބާއްވާފަ" ޒާރާ ހަމަޖެހިލާފައި ހުރިގޮތްދައްކަމުން ބުނެލިއެވެ.
"އެހެންތަ، އެހެންވީރު ދާއިން ހުންނާނީ މިހާރު ވަރަށް ކަންބޮޑުވެފަ، ފަލަކް އެމަންޖެއަށް ކާރަކަށް ގުޅާދީފިންދޯ، ހާދަ އިރެކޭ އެނަގަނީ ކާރު އަންނަން، އަދި ގުޅާބަލަ" ފަހީމާ ބުނެލިއެވެ.
"ސާބަހޭ މަންމާ، ދެންމެއަކު އެއްނު މިގުޅީ، އަދި ކާރު ނައިސްގެން އުޅޭވަރެއް ނުވެއެއްނު" ފަލަކް ބުނެލިއެވެ.
މަންހާގެ ކޮޓަރީގައި ދަރިފުޅު އުރާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ދާއިން ހުއްޓެވެ. މަންހާ އެނދުގައި ކުރުއަތްމައްޗަށް ދާއިންގެ ހަރަކާތްތަކަށް ބަލަންއޮތީ ހިނިތުންވެލައިގެންނެވެ. ދާއިން ދަރިފުޅު ކުޑައެނދުގައި ބާއްވާލާފައި އައިސް އެނދުގެ މަގަތުގައި މަންހާގެ ގާތުގައި އިށީނެވެ.
"މިހާރު ކިހިނެއް، ތަދުވޭތަ؟" ދާއިން މަންހާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅުތައް ކަންފަތްކައިރީ އަޅުވާލަމުން އަހާލިއެވެ.
"ރަނގަޅު" މަންހާ އަވަހަށް ބުނެލިއެވެ.
"އަހަރެން އިމީ ފޮނުވާނަންއެނގޭ، އޭނަ ކައިރީ ބުނާނަން މަންހާ ރަނގަޅުވަންދެން އެހަށް މިބައިގަ އުޅޭށޭ" ދާއިން ބުނެލިއެވެ.
"އޭރުން މަންމަމެން ބައިގަ ކައްކާނީ ކާކު؟ މަންމަ ބުނި ބޭބީ ފެންވަރުވާނީ މަންމައޭ، އަހަންނަށް އެހެންކަންތައްތައް ކޮއްލެވޭނެއެއްނު" މަންހާ ބުނެލިއެވެ.
"އަހަރެން ބޭނުން މިދުވަސްކޮޅު މަންހާ ގަދަވަންދެން ހުރިހާ ވަގުތަކު މީހަކު މަންހާގެ ގާތުގައި މީހަކު ހުންނަން، ދުވަސްކޮޅަކަށް ސޯފިއާ އަށްވެސް ކެއްކިދާނެއެއްނު..........އެކަމަކު މަންހާ ބޭނުންގޮތެއް......." ދާއިން މަންހާގެ ކޯތާފަތުގައި ފިރުމާލިއެވެ.
"ސޯފީއަކަށް ނޭގޭނެ އެހާ މީރުކޮއް ކައްކާކަށް، އައިލްބީ އޯކޭ، ޑޯންޓްވޮރީ" މަންހާ ދާއިންގެ އަތުގައި ފިރުމާލަމުން ބުނެލިއެވެ.
"އޯކޭ، އަންނާނަން ޒާރާ ގެއަށް އައިސްފިތޯ ބަލާލާފަ، އިމީ ލައްވާ ކާއެއްޗެހިވެސް ފޮނުވާނަން، އަން..............ފޯނު ހިފައިގެން އޮވޭ، އޭރުން ކަމެއްވިޔަސް ގުޅާލެވޭނީ މީހަކަށް، ބޭރު ދޮރުތަޅުލާފަ އަހަރެން މިދަނީ، އިމީ މެން މީހަކު ނޫނީ މަންމަ އަޔަސް ތަޅުދަނޑި އޮންނާނެ، މަން ނުޖެހޭނެ ބޭރު ދޮރުހުޅުވަން ދާކަށް، އެނގޭ........ދެން ބުނަން ނިދަން އޮށޮންނަމުން ކޮޓަރި ދޮރު ތަޅުލާތި، އެކަމަކު އޭގެ ކުރިން އަހަރެން އަންނާނަން" ދާއިން މިހެން ބުނެ ރީތިވާ މޭޒުމަތީގައި އޮތް މަންހާގެ ފޯނުނަގާ އޭނަގެ އަތަށް ލާދިނެވެ. އަދި މަންހާގެ ނިތްކުރީގައި ބޮސްދީފައި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"މަންމާ........އަދިވެސް ޒާރާ ގެއަށް ނާންނަނީތަ" އެޕާރޓްމަންޓަށް ވަދެގެންދިޔަ ދާއިންއަށް ކާމޭޒުތައްޔާރު ކުރުމަށް އިމީ އާއިއެކު އުޅުނު މޫމިނާ ފެނުމުން އަހާލެވުނެވެ.
"އެބަ އުޅޭ ކޮޓަރީގަ، މަންމަ ކާންވީނޫންހޭ ބުނީމަ މިރެއަކު ނުކާނަމޯ ކިޔާފަ ނުނިކުމެ އެބައޮތް އެނދުގަ" މޫމިނާ ދާއިންއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"އިމީ، މަންގެ ކާއެއްޗެހި މައްޗަށް ގެންދައްޗޭ" ދާއިން ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ.
"ނޫން، މަންމަ ދާނީ މަންހާއަށް ކާއެއްޗެހި ހިފައިގެން، ދަރިފުޅު އެއްވެސް ކަމަކާ ކަންބޮޑުވާކަށް ނުޖެހޭނެ، މަންގެ ހުރިހާ ކަމެއް ކޮއްދެން މަންމަ މިހުރީނު" މޫމިނާ އިތުބާރުކުރާށޭ ބުނާފަދަ ހިނިތުންވުމެއް ދާއިންދިނެވެ. އޭގެ ޖަވާބުގައި ދާއިންވެސް ހިނިތުންވެލާފައި އޭނަގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ.
"ޒާ......." ކޮޓަރިއަށްވަތްއިރު ޒާރާ ފެންނަން ނެތުމުން ދާއިން މަޑުމަޑުން ޒާރާއަށް ގޮވާލިއެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. ބެލްކަންޏަށް ހުޅުވާލެވިފައިވާ ދޮރުގެ ފަރުދާތަށް ވަޔާއިއެކު ކޮންމެވެސް ވަރަކަށް ހެލިލަމުންދިޔަތަން ފެނުމުން އެންމެ ފުރަތަމަވެސް ދިޔައީ އެދިމާލަށެވެ. އޭރު ޒާރާ ބެލްކަނީގައި ހުރި ބީޗް ގޮނޑީގައި ހަށިގަނޑު ދަމާލައިގެން އަރިއަކަށް އޮތްއިރު އޭނަގެ ގައިގާ ފިނިން ސަލާމަތްވުމަށްޓަކައި އުނަގަނޑާއި ހަމައިގައި ރަޖައެއް އަޅާލެވިފައިއޮތެވެ. ދެލޯ މަރާލައިގެން އޮތް ޒާރާއަށް ދާއިން އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. ދާއިންގެ ސިކުނޑީގައި މާޒީގެ އެކިއެކި ލޯބިވެތި މަންޒަރުތައް އާވެގެންދިޔައެވެ. މަޑުމަޑުންގޮސް ޒާރާގެ ކައިރީގައި ހުއްޓި ތިރިވެލާފައި އެތަނަވަސް ނިތްކުރީގައި ބޮސްދިނެވެ.
"ޒާ، މީ މަށޭ، ދާން" ސިހިގެން ދިޔަ ޒާރާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން ދާއިން ބުނެލިއެވެ. ޒާރާ ގޮނޑީގައި ކުޑަކޮށް ތެދުވެލަމުން އިށީނެވެ. ދާއިން ޒާރާގެ ފައިކައިރީ ގޮނޑިން ތަންކޮޅެއްގައި އިށީނދެލިއެވެ.
"ދާން، ވާހަކައެއް އަހަންތައް؟" ޒާރާ ދާއިންއަށް ބަލަން އިރުކޮޅަކު އިނދެފައި ބުނެލިއެވެ.
"އައި މިސް ޔޫ، ޒާ، ދެން އެގޮތަށް އަހަރެން އެކަނިކޮއްނުލައްޗޭ، އަހަރެން ޒާދެކެ ވަރަށް ލޯބިވޭ........ވަރަށް ލޯބިވޭ........" ދާއިން ޒާރާގެ އަތުގައި ދެއަތުން ހިފާލިއެވެ.
"ދާން...........ދެވަނަ ކައިވެންޏެއް ކުރީ ކުއްޖަކު ބޭނުންވެގެންތަ؟" ޒާރާ އޭނަގެ ހުރިހިތްވަރެއް ނެރެމުން އެސުވާލު ދާއިން އާއިކުރިއެވެ. އަދި ދާއިންގެ މޫނަށް ބަލަންއިނީ ފުރިހަމަ ޖަވާބަކަށް އެދިގެންނެވެ.
"ޒާ، އަހަރެން ޒާއަށް ބޭވަފާތެރިވިއްޔޭ ބުނަންތަ ތިއުޅެނީ، އެހެންނުބުނައްޗޭ، އެތަށް އަހަރަކަށްފަހު އަހަރެންގެ ޒާރާ އެނބުރި އަހަންނަށް ލިބުނަދީ، ޒާއަކަށް ނޭގޭނެ، އަހަރެން ޒާ އާއި ނުލާ ވަރަށް އެކަނިވި، ދުވަހަކުވެސް މީހަކަށް އިހްސާސްނުކުރެވޭނެ އަހަރެންގެ އެކަނިވެރި ދިރިއުޅުން، އަހަރެން ޒާރާއަށް ކުރި އިންތިޒާރު........އަހަރެންގެވެސް އިޙްސާސްތަކެއްވޭ، އެކަންތައްތަކާ އަޅާނުލަން ވަރަށް މަސައްކަތްކުރިން.........އެކަމަކު އަހަރެންނަށް އިތުރު ބައިވެރިއަކު ހިޔާރުކުރަން މަޖުބޫރުވީ، ތަގުދީރު އަހަރެން އެފަދަހާލަތަކަށް ދިއުމަށް މަޖުބޫރުކުރުވީ........މަންހާ ހިޔާރުކުރީ އޭނަގެ ރީތިކަން ފެނިފައެއްނޫން.......އަހަންނަށްކަށްނޭގެ މަންހާ ފަދަ އަންހެން ކުއްޖަކު އަހަރެން ދުވަހަކުވެސް ނުދެކެން، އަހަރެންނަކީ އޭނަގެ ދުނިޔެ، އެފަދަ މާތް އަޚްލާގެއް ދުވަހަކުވެސް ނުދެކެން، އޭނަގެ ހިތް ސާފުކަމާ އޭނަ އަހަރެންދެކެ ލޯބިވާވަރު ފެނިފަ އަހަރެންވެސް ހައިރާންވޭ، ބިރުގަނޭ އަހަންނަށް އޭނަގެ ހިތުގަޖެހޭފަދަ ކަމެއް ކުރެވިދާނެތީ، ޒާއަށް ނޭގުނަސް މަން އަބަދުވެސް ބުނާނެ ޒާރާ އަދި ރަނގަޅުވާނެ، ކޮންމެ ކަމަކަށްވެސް ވަގުތު ބޭނުންވާނެއޭ، ދާއިންވާނެއޭ ވަރަށް ކެތްތެރިވާން، ދާއިން ނުވާނެއޭ ޒާރާއެކަނި ކޮއްލައިގެން............" ދާއިން ޒާރާގެ އަތުގައި ހިފައިގެން އިސްޖެހިފައި އިނދެ ވާހަކަދެއްކިއެވެ.
"ތީ މިހާރު އަހަރެންގެ ދާންއެއްނޫން" ޒާރާ ރޮވިފައިވާ އަޑަކުން ބުނެލިއެވެ. ދާއިން ހާސްވެފައި ޒާރާއަށް ބަލާލަމުން ދެފަރާތަށް ބޯހޫރުވާލީ ނުރޯށޭ ބުނުމަށެވެ. އަދި އަވަސް އަވަހަށް ޒާރާގެ ކޯތާފަތް ފޮހެލަދެމުން އެމޫނުގައި ދެއަތުން ހިފާލިއެވެ. ޒާރާއަށް ކުރިއަށްވުރެބޮޑަށް ރޮވުނެވެ. ދާއިން ޒާރާގެނެސް އޭނަގެ މޭގައި ޖައްސާލަމުން ބާރުކޮއްލިއެވެ.
"އެހެންނުބުނޭ ޒާ، އަދިވެސް ތިއަށްވުރެ ލޯބިވާ އެހެން އެއްވެސް އަންހެނެއް ނުހުންނާނެ، ޒާ އާއި ނުލާ އަހަރެންނަށް ނޫޅެވޭނެ.......ވީއިރު ތިހެން ނުބުނޭ ޒާ، އަހަރެން އަދިވެސް ލޯބިވަނީ ޒާދެކެ" ދާއިން އޭނަގެ މެޔާއިލާ ޒާރާ ބޮނޑިކޮއްލަމުން ބުނަމުންދިޔައެވެ.
"އަހަރެންގެ ދާންގެ ދުލުން އެހެން އަންހެނަކަށް ދުވަހަކުވެސް ތަޢުރީފެއް ނުކުރާނެ" ޒާރާ ރޮމުން ގިސްލަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
"މީ ޒާރާގެ ދާން، ހަމައެކަނި ޒާރާގެ ދާން...........ދެން އެހެން އަންހެނަކަށް ތައުރީފު ކުރާއަޑެއް ނީވޭނެ، އެންމެ ރަނގަޅެއްނު، ދެން ނުރޮއެ ހުއްޓާލާ........އަހަރެން ބުނީމަ ގަބޫލު ކުރޭ، އަހަރެން އަދިވެސް އެންމެ ލޯބިވަނީ ޒާރާދެކެ، ޒާރާގެ އުފަލަކީ އަހަރެންގެ ހިތްހަމަޖެހުން، ޒާރާ ދެރަވެގެން ތިހެން ރޯތަން ބަލާކަށް އަހަންނަކަށް ނުކެރޭނެ، ޕްލީޒް، އާދޭސްކޮއްފަ މިބުނީ، ދެން ހުއްޓާލާ...." ދާއިން ޒާރާގެ މޫނުގެ އެތަން މިތަނުގައި ބޮސްދޭންފެށިއެވެ. މަޑުމަޑުން ގޮނޑީގައި ޒާރާ ބާއްވާލަމުން ދާއިންގެ ހަށިގަނޑުވެސް ގޮނޑީގައި ދަމާލަން މަސައްކަތް ކުރިއެވެ. ދާއިންގެ އަތުގެ ތެރެއަށް ޒާރާގެނެސްލީވެސް އެހާމަޑުމަޑުންނެވެ. އަދި ދާއިންގެ ބޮސްދިނުންތަކުން ޒާރާގެ ހިތްފުރާލަދޭން އޭނަ މަސައްކަތްކުރަމުންދިޔައެވެ. ޒާރާގެ ރުއިންވެސް މަޑުވެ ދާއިންގެ ބީހުންތަކަށް މަރުޚަބާ ކިޔެންފެށުނީ ކިހިނެއްކަމެއްވެސް ނޭގެއެވެ.
"އަހަރެން ވަރަށް ލޯބިވޭ ދާންދެކެ، އަހަރެން ބިރުގަނޭ ދާން އަހަރެންގެ އަތުން ބީވެދާނެތީ" ޒާރާ މަޑުމަޑުން ދާއިންގެ ކަންފަތްދޮށުގައި ބުނެލިއެވެ.
"އަހަރެން ޒާރާ އާއި ދުރަކަށް ދުވަހަކުވެސް ނުދާނަން، އެއަށްވުރެ މާލޯބިވޭ، ޒާދެކެ ލޯބިވާވަރު ބަޔާންކުރާނީ ކިހިނެއްކަމެއް އަހަންނަކަށް ނޭގެ، އައި ލަވް ޔޫ ސޯ މަޗް..........." މަސްތީއޮއެވަރެއްގައި ޖެހެމުންދިޔަ ދާއިން ލޯތްބާއިއެކު ބުނެލިއެވެ. އަދި ގޮނޑިން ތެދުވެ ޒާރާއަށް އަތްދިއްކޮއްލިއެވެ. ޒާރާ ތެދުވެ ދާއިންގެ އަތުގައި ހިފާލި ހިނދު ދާއިން އޭނަގެ އަތުގެތެރެއަށް ޒާރާ ކުއްލިއަކަށް ދަމައިގަތެވެ. އަދި އޭނަގެ އަތްދަނޑިމައްޗަށް މަސްތީގޮތަކަށް އުފުލާލައިގެން ކޮޓަރީގެތެރެއަށްވަނެވެ. ރޮވިފައިވީ ކަމަކު ޒާރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވައިފިއެވެ. ދާއިންގެ ކަނދުރާއާއި ދިމާލު މޫނުފޮރުވާލި ޒާރާ މަޑުމަޑުން ކަރުގައި ވަސްގަންނަމުންގޮސް ދާއިންގެ ކަންފަތު ފޫޅުގައި ދަތްއަޅާލިއެވެ. އެހިނދު ދާއިންގެ ލާނެއް ހުނުމުގެ އަޑު ކޮޓަރިއަށް ފެތުރިގެންދިޔައެވެ. އެހަރަކާތާއިއެކު ދާއިން ޒާރާ އެނދުމައްޗަށް އެއްލިއެވެ. ޒާރާގެ ހުނުމުގެ އަޑުވެސް އިވިގެންދިޔައެވެ.
"ދަރިފުޅާ، ދާއިން..........ކޮންއިރަކުން ކަނީ.........." މޫމިނާގެ އަޑާއިއެކު ކޮޓަރީގައި ޓަކި ޖަހާލިއަޑުއިވިގެންދިޔައެވެ. ދާއިން ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އަޑުމަޑުކުރުމަށް ޒާރާއަށް އިޝާރާތްކުރިއެވެ.
"މަންމާ، އަޅުގަނޑާ ޒާ ފަހުން ނުކުމެ ކާލަފާނަން، ލަސްވަންޏާ މަންމަ ނިދަން ވަނަސް އެންމެ ރަނގަޅު" ދާއިން ކޮޓަރި ދޮރުކައިރިއަށް ޖެހިލަމުން ބުނެލިއެވެ. އަދި ކޮޓަރީގައި ދިއްލާފައި ހުރި ހުދުއަލީގެ ބޮކި ނިއްވާލުމަށްފަހު ނިދާބޮކި ޖައްސާލިއެވެ. އޭގެ އަލިވެސް ހުރިވަރަށްވުރެ ފަޑުކޮއްލިއެވެ. ޒާރާ ހޭންފެށިއެވެ. އަދި މަޑުމަޑުން އެނދުން ފައިބަން ފެށިއެވެ. ދާއިން އޭނަ ލައިގެން ހުރި ޓީޝާރޓު ބާލާފައި ޒާރާ އާއި ދިމާލަށް އެއްލިއެވެ. ސަމާސާތަކުގައި ހުޅުރޯވެ ދެމީހުންނަށް ދުރުނުވެވޭ ހިސާބަށް ކަންތައް ދިޔައެވެ. ޒާރާގެ ދުލުންނާއި ދާއިންގެ ދުލުން ލޯބީގެ އެތަށް ލަފްޒެއް ބޭރުވަމުންދިޔައެވެ. ދާއިންގެ ހިތަށް ތަފާތު ހިތްހަމަ ޖެހުމެއް ލިއްބައިދިނެވެ.
ދަންވަރުގެ ވަގުތެވެ. އިރުއިރުކޮޅާ މަންހާއަށް ހޭލެވެއެވެ. ނިންޖަކަށްވާ ކަހަލަ ނިންޏެއް އޭނައަށް ނުނިދެއެވެ. އެއިން ކޮންމެ ފަހަރަކު ދާއިން ކޮބާތޯ ބަލާލެވެއެވެ. ބާލީސް ދަށުގައި އޮތް ފޯނު ބަލާލިއެވެ. އޭރުން ގަޑިން ދޭއްޖަހައިފިއެވެ. ކުޑަދަރިފުޅު ފުންނިންޖަކުން ނިދާލާފައިއޮތެވެ. ވަށައިގެންވަނީ ހަމަހިމޭންކަމެވެ. ދާއިން އޭރުވެސް ނާދެއެވެ. އެހެންނަމަވެސް ދާއިން ވީ ކޮންތާކުކަން އޭނައަށް އެނގެއެވެ. ނުބައި ހިޔާލުތައް އެދަންވަރު އޭނަ ވަށާލަން މަސައްކަތް ކުރަނީއެވެ. މޭވެސް ތެޅެނީ މާވަރަކަށެވެ. ހިތަށް ތަދުވަނީ ސިކުނޑިއަށް ޝައިތާނާލާދެމުންދިޔަ ނުބައި ވަސްވާސް ތަކުންނެވެ. ނިދޭތޯ މަންހާ ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ހިތާ ހިތާ ﷲގެ ކިބަފުޅަށް ދުޢާކުރަން މަންހާ ފެށިއެވެ. ޝައިތާނާގެ ނުބައިވަސްވާސްތަކުން އޭނަ އާއި އޭނަގެ ދަރިފުޅު ރައްކާތެރިކުރެއްވުމަށެވެ. ދާއިން އާއި ޒާރާގެ މައްޗަށް އެހިތުގައި ލޯބިޖެއްސެވުމަށެވެ. އެހިނދު އޭނަގެ ސިކުނޑިއަށް ހިޔާލެއް އައެވެ. މަޑުމަޑުން އެނދުގައި ހިފަހައްޓާލަމުން މަންހާ ތެދުވިއެވެ. އިރުކޮޅަކު ހުއްޓިލައިގެން ހުރުމަށްފަހު ހިނގައިގަތީ ބެލްކަނި ކައިރީ ހުރި މޭޒުގެ މަތީއޮތް ލެޕްޓޮޕް ނެގުމަށެވެ.
މަންހާއަށް އަރާމުވާނޭފަދަ ގޮތަކަށް އެނދުގައި އޮށޯވެލައިގެން އޮވެ އޭނަގެ ލެޕްޓޮޕްގައި ފޮރުވާފައިވާ ފޯލްޑަރ ފެންނަގޮތް ހަދާލިއެވެ. އަދި އޭނަގެ މަސައްކަތް ފެށިއެވެ. ހިތުގައިވާއެއްޗެއް ލިޔަމުންދިޔައީ ސާފު އިނގިރޭސި ބަހުންނެވެ. ބަސްތަކުގައި ފަށުވިކަމާއި ހިތްދަމައިގަންނަ އެތަށްކަމެއްވެއެވެ. އެގޮތަށް އޭނަ އެތަށް އިރެއް އެކަމުގައި ހޭދަކުރިއެވެ.
ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއިއެކު ދާއިން ސައިޑްޓޭބަލް މަތީ ހުރި ގަޑިއަށް ބަލާލިއެވެ. ދަންވެފައި ވުމުން މަންހާއަށް ގުޅާލަން ހިތަށް އަރާފަވެސް ހިޔާލުބަދަލުވިއެވެ. އަރާމު ނިންޖަކުން އޭނަގެ ކައިރީގައި ނިދިފައި އޮތް ޒާރާއަށް ބަލާލިއެވެ. ދާއިންގެ އަތުގައި އަތްއަޅުވާލައިގެން ޒާރާ ނިދާފައި އޮތް އިރު އެމޫނުމަތިން ހިތްހަމަޖެހުން ފެނިގެންދެއެވެ. ދާއިންގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވެގެންދިޔައެވެ. ކީއްވެކަމެއް ނޭގެއެވެ. އެވަގުތުވެސް އޭނައަށް ހަނދާންވީ މަންހާއެވެ. މަންހާ އާއިއެކު އެފަދަ ލޯބިވެތި ރެއެއް ފުރަތަމަ ހޭދަވެގެންދިޔަގޮތެވެ. އެރޭ ދާއިންއަށް މަންހާގެ ފަރާތުން ފެނިގެން ދިޔައީ ލަދުވެތިކަމާއި ފަސްޖެހެވުމާއި އޭނަގެ ޅަކަމެވެ. ކޮންމެ ކަމަކަށް ދާއިންއަށް އިސްނަގަން ޖެހުނުގޮތެވެ. އަދި ބިނދެނުލާ ގަހުގައި ފޮޅިފައިވާ ތާޒާމަލުގެ ނާޒުކުކަމެވެ. ޒާރާ އާއި މަންހާ އާއި ދެމެދު ހުރި ތަފާތުކަމެވެ. އަދިވެސް މަންހާއަކީ އެމަޑުމައިތިރި ނާޒުކު ފިޔަތަކުގެ ވެރިޔާއެވެ. ދާއިން މޭގައި އަތްހާކާލަމުން ތެދުވަން އުޅުނުވަގުތު ޒާރާ ސިހިފައި އޭނަގެ އަތުގައި ހިފިއެވެ.
"ދަނީތަ؟ ކޮންތާކަށް" ޒާރާ ވަރުބަލި ކަމާއިއެކު ބުނެލިއެވެ. ދާއިން އެއްވެސް އެއްޗެއް ނުބުނެ އަނެއްކާވެސް އެނދުގައި އޮށޯތީއެވެ. ޒާރާގެ ނިތުގައި ބޮސްދެމުން އޭނަގެ ގައިގާ ފިރުމާލިއެވެ.
މަންހާ ލެޕްޓޮޕް ކޮޓަރީގައި ހުރި ޕްރިންޓަރާއިގުޅާލުމަށްފަހު އެތަށް ކަރުދާހެއް ޕްރިންޓަށް ފޮނުވާލިއެވެ. އަދި އަނެއްކާވެސް އެނދުން ތެދުވެގެންގޮސް އޭނަ ހެދުންތައް އަޅުވާފައި ހުންނަ ކޮޓަރިއަށްވަނެވެ. ބޮކި ދިއްލާލުމާއިއެކު އެންމެ އެތެރެއަށް ވަދެގެން ގޮސް މަތީޝެލްފެއްގައި ހުރި ދެފޮށިނެގިއެވެ. މަންހާ ބޭނުންވި ފޮށިއިނީ އެންމެ ބިއްދޮށުގައެވެ. ހީވާގޮތުން އެފޮށި އެއިނީ މީހަކަށް އަޅައިނުގަންނާނޭފަދަ ގޮތަކަށް ފޮރުވާފައެވެ. އެހިސާބަށް އޭނަގެ އަތްނުފޯރުމާއިއެކު އެއްޗެއްގެ މައްޗަށް އެރުމަކީ އޭނަ މިހާރު ހުރި ހާލަތުގަ މޮޔަކަމެއްކަން އެނގުނެވެ. އެހެންވެ ފައިވާން ކަބަޑުގެ ދޮރުފަތް ކަހާލަމުން އެތަނުން އެންމެ ދިގު ފުންނާބުލީ ފައިވަންނެގިއެވެ. އޭގެ އެހީގައި މަންހާ ފޮށިގަނޑު ނެގިއެވެ. އެހިފައިގެން އޭނަ އައީ ޕްރިންޓަރު ކައިރިއަށެވެ. އެމޭޒުމަތީ ފޮށިބެހެއްޓުމަށްފަހު ހުޅުވާލިއެވެ. އޭގެ ތެރޭގައި އިތުރު ފޮށިގަނޑެއް އިނެވެ. އެވެސް ހުޅުވާލިއެވެ. އޭރު ކުޑަކޮށް ވައްކޮއްއިން ސެންޓުފުޅި އަކާއި އޮރެންޖުކުލައިގެ ކަޅުފިނިފެންމާ ތަކެއް ޖެހި ސިޓީއުރަތަކެއް އޭގައި ހުއްޓެވެ. މަންހާ ސިޓީއުރައެއް ނަގާ ސެންޓުފުޅި ހިފައިގެން ނުކުތީ ބެލްކަންޏަށެވެ. އަދި ސިޓީއުރައަށް ސެންޓުޖަހަންފެށިއެވެ. ސެންޓުގެ މީރުވަސް ފެތުރިގެންދާކަށް ގިނައިރެއް ނުނެގިއެވެ. މުޅި ހިސާބުވެސް ހީވަނީ އެއްވަސް ކޮއްލާފައިވާހެނެވެ.
ފަތިހުގެ ފިނިފިނި ވައިރޯޅިތައް ބެލްކަނީގެ ފަރުދާތަކުގައި ބީހިލާފައި ކޮޓަރިތެރެއަށް ވަންނަމުންދިޔައެވެ. ޒާރާގެ ގައިގާ ހިފަހައްޓާލައިގެން ދާއިންއަށް ނިދިފައި އޮތެވެ. ޒާރާ އާފުރެލަމުން ދާއިންގެ އަތް ދުރައްޖައްސާލާފައި މަޑުމަޑުން ތެދުވެ މޯޅިއަކަށް ދެމިލިއެވެ.
"ހެނދުނުވީތަ؟ ހާދަ އަވަހަކަށް، ޒާ....އާދެބަލަ، ހާދަފިންޏޭ......އާދެބަލަ ބައްދާލަން" ފުރޮޅިލި ދާއިން ޒާރާއަށް ބުނެލިއެވެ. ލުއި ހުނުމަކާއިއެކު ޒާރާބޮޑު ރަޖާގެ ދަށަށްވަދެ ދާއިންއާއި ގާތްވެލިއެވެ. ދެހަށިގަނޑުގެ ހޫނު އިޙްސާސް ކުރެވޭވަރަށެވެ.
ހެނދުނުގެ ނާސްތާ ހިފައިގެން އަށެއްޖަހާލާކަން ހާއިރު މޫމިނާ މަންހާގެ ކޮޓަރިއަށް ދިޔައިރު މަންހާހުރީ ދަރިފުޅު އުރާލައިގެން ބެލްކަނީގެ ދޮރުން ކޮޓަރިއަށް އެޅެމުންދިޔަ އަވިކޮޅުގައި ހިނގާލަ ހިނގާލައެވެ.
"ދަރިފުޅު ތެދުވެގެން ކީއްތިކުރަނީ، އެމަންޖެ މާބޮޑަށް ރޮނީތަ؟ ގެނޭ މަންމައަތަށް.......އަވަހަށް ހިނގާ ސައިބޯން، ކާމޭޒު މަތީ ހުންނާނެ ސައިތަބަށް ބަހައްޓާފަ........އަދި ތިހެން ތެދުވެ އުޅޭކަށް ނުވާނެ، ހަށިގަނޑު އަދިވެސް ވަރަށް ޅަވާނެ، އަރާމުކުރަންވާނެ، މަންމަ މިހުރީނު ހުރިހާ ކަމެއްކޮއްދެން..............މަންހާ، މިމަންޖެ ވައްތަރީ ހަމަ ދާއިން އާ ދޯ....." މޫމިނާ ބުނެލިއެވެ.
"އަޅުގަނޑު އޭރުވެސް ބުނީމެއްނު ދާއިން އާއޭ ވައްތަރީ" މަންހާ ހިނިއައިސްފައި ބުނެލިއެވެ. އޭނަ ހުރީ ދާއިން ކޮބާތޯ އަހާލާހިތުންނެވެ. އެހެންނަމަވެސް އެހާހިތްވަރެއް ނުލިބުނެވެ. ޚާއްޞަކޮށް މިހާރު ޒާރާވެސް ރަނގަޅުވެފައި ވުމުންނެވެ.
"ކޮބާ މިހާރު ދަރިފުޅުމެން މިމަންޖެއަށް ކިޔާނެ ނަމެއް ހޯދައިފިންތަ؟" މޫމިނާ މާމަދަރިފުޅާއީ މަންހާ އާއިއެކު ކޮޓަރިން ނުކުންނަމުން އަހާލިއެވެ.
"ލައްބަ މަންމާ، އަޅުގަނޑު ނަމެއް ހޯދައިފިން، އެކަމަކު އަދި ދާއިން ގާތު ނުބުނަން، ހީވަނީ އޭނައަށްވެސް ކަމުދާނެހެން" މަންހާބުނެލިއެވެ.
"ކޮންނަމެއްތަ، އަނެއްކާ ބައިވަރު ނަންތަކެއްތަ؟" މޫމިނާ އެނގެންބޭނުންވެފަ ހުރިވަރު މަންހާއަށް އެނގުނެވެ.
"އަޅުގަނޑު ހިޔާރުކުރީ ތިންނަމެއް، އެއީ ހުމާ އާއި ލިޔާނާ އާއި ނެހާ، އެތަނުން އަޅުގަނޑަށް ހަމަ އެންމެ ކަމުދިޔައީ ނެހާ، އަޅެ މަންމަ ބުނުއްވަބަލަ، އެތަނުން ކޮންނަމެއްތޯ މަންމައަށް އެންމެ ކަމުދަނީ" ކާމޭޒު ކައިރީ މަޑުމަޑުން ބަލައިގެން އިށިން މަންހާ ބުނެލިއެވެ.
"ނެހާ......މަންމައަށްވެސް ކަމުދަނީ އެނަން، މާނަ ކިހިނެއްވަނީ، ރަނގަޅު މާނައެއް އެކުލެވޭތަ" މޫމިނާ ހިނިއައިސްފައި ބުނެލިއެވެ.
"ހޫމް، އަޅުގަނޑު މާނައަށްވެސް ބެލީމޭ މަންމާ، ދާއިންއަށް ކަމުދާނެހެން ހީވަނީ" މަންހާ ބުނެލިއެވެ. އަދި ކާންފެށިއެވެ.
"ދެން އޮތީ ނަންކިޔުމުގެ ކަންތައްތައް ދޯ، ބުރަ ދުވަހަކަށް ވާނެ އެދުވަސް........އެނގޭތަ ކާއިލް މިއުޅެނީނު، އޭނަގެ މަންމަ ވަރަށް މޮޅުވާނެ ދިވެހި އެއްޗެހި ކައްކަން، މަންމަ ބޭނުމެއްނޫން ތަނަކަށް އޯޑަރުކޮއްގެން ކައްކައިގެން ގެންނާކަށް.........މަންމަ ބޭނުންވަނީ މިގޭގަ ކައްކަން، ކާއިލް މަންމަ ހުދާ އާއި އަދި ދަރިފުޅު ބައްދަލެއް ނުވޭދޯ، އެއީ ވަރަށް ހިތްހެޔޮ މީހެއް" މޫމިނާ މާމަދަރިފުޅު ގޮވައިގެން ދެކޮޅަށް ނާނާ ކިޔާލަމުން ބުނެލިއެވެ.
"ދާއިން ބުނި ކާއިލް މަންމަ އާއި މިފެމިލީ އާއި ތިމާގެ ވާހަކަ، އަދި ދުވަހަކުވެސް އެފެމެލީ މީހަކު ނުދެކެން ކާއިލް ނޫނީ، ދެން މަންމަގެ ތިހިޔާލަށް އަޅުގަނޑުވެސް ތާއީދު، އޭރުން މަޖާވާނީ، މަންމަ ކާއިލްގެ މަންމަ އާއި ވާހަކަދައްކަންވީނޫންތޯ، އެދުވަހު އަހަރުމެންގެއަށް އައިސް އެކަން ކޮއްދިނުމަށް، އަޅުގަނޑުވެސް ގޭހުރިހާ އެންމެން ގާތު ބުނާނަން އެދުވަހު މިގޭގައޭ އުޅެންވާނީ، އެންމެ ރަނގަޅުތަ މަންމާ" މަންހާ އުފާވެލާފައި ބުނެލިއެވެ.
"ހޫމް......އެންމެ ރަނގަޅު" މޫމިނާ ހިނިއައިސްފައި ހުރެ ބޯޖަހާލިއެވެ.
މަންހާ ސައިބޮއެ ނިމުމާއިއެކު މޫމިނާ އަވަސްވެގަތީ މާމަދަރިފުޅު ފެންވަރުވާލާ ނަލަކޮއްލުމަށެވެ. ފާހާނާތެރޭ މަންހާ މޫމިނާއަށް އެހީތެރިކަން ފޯރުކޮއްދެއްމުންދިޔައެވެ.
"ދަރިފުޅާ...............މިނިމުނިއްޔޭ.........ދަރިފުޅާ....ހާދަ ވަރަކަށޭ ރޮވެނީ ދޯ......." މޫމިނާ މާމާދަރިފުޅާއިވާހަކަދައްކަމުންދިޔައެވެ. އަޅާލާ ކޮންމެ ފެންފޮދަކާއިއެކު ތުއްތުކުއްޖާގެ ރުއިން ބާރުވެއެވެ.
"މަންމާ، ފެންއެހާ ފިންޏެއްވެސް ނޫނެއްނު، ދެންކީއްވެތަ އެވަރަށް އެރޮނީ، ފެންވަރުވާ ކޮންމެ ގަޑިއެއްގަ އެވަރަށް ރޮއޭ، ދެން ރީތިކޮށްނިމޭއިރު އޮންނާނީ ނިދާފަ" މަންހާ މޫމިނާގެ ގާތުން އަހާލިއެވެ.
"އެހެންނުވާނީ މިއޮތީ ހުރިހާކަމެއްވެސް ބައްޕަ އާއި އެއްގޮތްކޮއްލައިގެންވިއްޔަ، ދާންވެސް ވަރަށް ރޯނެ ކުޑައިރު.......ދެއަހަރުވީއިރުވެސް ފެންދެކެ އޭނަ އެގަންނަ ބިރެއް ނޭގެ ބުނަންވެސް، އެކަމަކު ކަމެއްވެސް ދިމާވީއެއްނޫނޭ، އޭނައަށް ކަމުނުދަނީ ފެނުގަޖެހެން......." މޫމިނާ މާމަދަރިފުޅު މަންހާގެ އަތުގައި އޮތް ތުވާލީގެ ތެރޭ އޮޅާލަމުން ބުނެލިއެވެ. އަދި މަންހާ އާއިއެކު ފާހާނާއިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.
"އެކަމަކު މިހާރު އޭގެ އިދިކޮޅު ދޯ.......އަބަދުހެން ހުންނާނީ ފެންވަރާ ފްރެޝްވެލައިގެން......." މަންހާ ލުއިހީލުމަކާއިއެކު ބުނެލިއެވެ. މޫމިނާވެސް މަންހާ އާއިއެކު ހީލިއެވެ. މޫމިނާ މާމަ ދަރިފުޅު ރީތިކުރުމަށް ކޮޓަރީގެ އެއްފަރާތުގައި އެކަމަށް ޚާއްޞަކުރެވިފައިވާ މޭޒުގެ ކައިރިއަށް ޖެހިލިއެވެ. މަންހާ މޫމިނާގެ ހަރަކާތްތަކަށް ސަމާލުވެ ބަލަމުންދިޔައެވެ. އޭނައަށް އެހުރިހާ ކަމަކީ މުޅިން އާކަންތައްތަކަށްވާތީ އޭނަގެ ދަރިފުޅު ރަނގަޅަށް ގެންގުޅޭނެ ގޮތް ދަސްކުރަން ބޭނުންވާތީއާވެސް އެކުއެވެ. މިއަދު އޭނައަށް ހުރިހާ ކަމެއް ދައްކައިދޭން އެންމެ ގާތުގައި ހުރި މަޔަކީ އެއީއެވެ. އެހެންނަމަވެސް ވަސީމާގެ މަތިން އޭނަ ހަނދާންނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ. ޚާއްޞަކޮށް ދާއިންގެ ދަރިއަކަށް ބަލިވެއިންކަން އެނގުނީއްސުރެން ފެށިގެންނެވެ. އެހިނދު މަންހާގެ ސިކުނޑިއަށް ހިޔާލެއްއައެވެ. އެއާއިއެކު ހިނިތުންވެލެވުނެވެ.
"މަންމާ، ޒާރާ ރަނގަޅުތަ..........އެމީހުން ސައިބުއީތަ" މަންހާ އެހެން އަހާލީ މޫމިނާ އެހާއިރުވީއިރުވެސް އެމީހުންނާއި ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމުންނެވެ.
(ނުނިމޭ)