މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ހިއްސާދާރުން ޖެހިޖެހިގެން އަށްވަނަ އަހަރު، ފައިދާ ނުލިބި ގެއަށް ދާން ޖެހިއްޖެ އެވެ.
ޓޫރިޒަމް ވިޔަފާރީގެ ތެރެ އަށް ވަނުމުގެ މަގުސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާއާއެކު އުފެއްދި އެމްޓީޑީސީ އިން އާދިއްތަ ދުވަހު ވަނީ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވާފަ އެވެ. މީޑިއާތަކަށް ދައުވަތު ނުދީ ބޭއްވި އެ ކުންފުނީގެ އޭޖީއެމްގައި ވަނީ ޖެހިޖެހިގެން އަށްވަނަ އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ނިންމާފަ އެވެ.
ނަމަވެސް އަންނަ އަހަރު ފައިދާ ބަހާނެ ކަމުގެ ޔަގީންކަން މިހާރުގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ދެއްވާފައިވެ އެވެ.
އެމްޓީޑީސީ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 4.5 މިލިއަން ޑޮލަރު (69.8 މިލިއަން ރުފިޔާ) ލިބުނުއިރު އެ ކުންފުންޏަށް ފައިދާވެފައިވަނީ 1.5 މިލިއަން ޑޮލަރު (23.1 މިލިއަން ރުފިޔާ) އެވެ.