އެމްޓީޑީސީ

ހިއްސާއަކަށް 60 ލާރި ބަހަން އެމްޓީޑީސީން ނިންމައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ފާއިދާއިން ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފި އެވެ.

މިއަދަދު ބެހުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުން ފާސްކުރީ މެންހަޓަން ބިޒްނަސް ސްކޫލުގައި ރޭ ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 20 މިލިއަން ރުފިޔާ ބެހުމަށް އެމްޓީޑީސީން ވަނީ ނިންމާފަ އެވެ.

އެމްޓީޑީސީން މިދިޔަ އަހަރުވެސް ބެހީ ހިއްސާއަކަށް 60 ލާރި އެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 38.7 މިލިއަން ރުފިޔާ އެމްޓީޑީސީ އަށް ލިބިފައިވެ އެވެ. ނަމަވެސް 2021 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބުނެވެ.

މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރުގެ ސާފު ފައިދާއަށް ވުރެ ދަށްވީ އެމްޓީޑީސީން ލީޒްކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތަކަށް ގެނެވުނު ބަދަލުތަކަކާ ގުޅިގެންނެވެ.

އެމްޓީޑީސީން 2020 ވަނަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް ބަހާފައިވަނީ 50 ލާރި އެވެ. އެއީ 11 ފަހުން އެ ކުންފުނިން ހިއްސާގެ ފައިދާ ބަހަން ނިންމި ފުރަތަމަ ފަހަރެވެ.

އެމްޓީޑީސީ އަށް މިހާރު އާމްދަނީ ލިބޭ މައިގަނޑު ދެ ވަސީލަތަކީ އެ ކުންފުނީގެ އަޔާދާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ އެވެ.