މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ކުރިއަށް އޮތް މާޗް މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިޖަލްސާގެ މައިގަނޑު ބޭނުމަކީ އާންމު ހިއްސާދާރުން ތަމްސީލްކުރަން ބޯޑަށް އިންތިހާބު ކުރަންޖެހޭ މެންބަރުން ހޮވުމެވެ.
މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް -- ފަހިވޯޓް" މެދުވެރިކޮށެވެ.
އެމްޓީޑީސީގެ އާންމު ހިއްސާދާރުން ތަމްސީލްކުރަން ޑިރެކްޓަރަކު ހޮވަންޖެހުނީ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު މުޖުތަބާ މިދިޔަ ޖުލައި މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ދިވެހި ރައްޔިތުންނަށް ފަތުރުވެރިކަމުން ލިބޭ ސީދާ ގޮތުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ސަރުކާރުގެ 47 ޕަސަންޓް އަދި އާންމުންގެ 53 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް އެމްޓީޑީސީ އުފެއްދީ 2006 ވަނަ އަހަރު އެވެ.
އެމްޓީޑީސީއަށް މިވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބ. ކިހަވަށް ހުރަވަޅީގައި ހަދާފައިވާ އަނަންތާރާ ކިހަވަށް ރިސޯޓުންނާއި ގދ. މަގުދުވާގައި ހަދާފައިވާ އަޔާދާ މޯލްޑިވްސް އިންނެވެ. ސަބް ލީޒް އެއްބަސްވުމެއްގެ ދަށުން އަނަންތާރާ ހިންގަނީ މައިނާ އިންޓަނޭޝަނަލް ކުންފުނިންނެެވެ. އަޔާދާ ހިންގަނީ ތުރުކީގެ އަހްމެޓް އައިދިޒް ކުންފުނިންނެވެ.
އެމްޓީޑީސީ އިން ގެންދަނީ ދުބާއީގެ ރޯ ގަލަދާރީ ކުންފުންޏާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުން ހދ. ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވަމުންނެވެ. ދުބާއީ ކުންފުނީގެ 85 ޕަސަންޓް ހިއްސާއާއި އެމްޓީޑީސީގެ 15 ޕަސަންޓް ހިއްސާ އޮތް ޖޮއިންޓް ވެންޗާ ކުންފުނިން ތަރައްގީކުރާ ނާގޯށި ހުޅުވާއިރު އެތަނުގައި 1،600 އެނދު ހުންނާނެ އެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 7.3 މިލިއަން ޑޮލަރު -- 113.2 މިލިއަން ރުފިޔާ އެވެ. އެމްޓީޑީސީ އިން ސަރުކާރަށް ދައްކަންޖެހޭ ދަރަނި 13.5 މިލިއަން ޑޮލަރު -- 208 މިލިއަން ރުފިޔާއަށް އަރަ އެވެ.