އެމްޓީޑީސީގެ ބޯޑުގެ އާންމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އާންމު ހިއްސާދާރުން ތަމްސީލް ކުރާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލު މީހުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ކަނޑައެޅުމަށް ފަހު މި އަހަރުގެ އަހަރީ އާންމު ޖަލްސާއަށް އެ ނަންތައް ހުށަހަޅައި ވޯޓަށް އަހާނެ އެވެ.
ޑިރެކްޓަރުންގެ ޝަރުތުތައް
- 18 އަހަރުން މަތީގެ މީހަކަށް ވުން
- ކުންފުނީގައި 50 ހިއްސާ އޮތް މީހަކަށް ވުން
- ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެއް އޮތުން
- ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރޭން ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ ބޯޑް ނުހިމެނުން
އެމްޓީޑީސީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން ފަތުރުވެރިކަމުގެ ވިޔަފާރީގައި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފެއްދި ކުންފުންޏެކެވެ. އެކަމަކު ކުންފުނީގެ މަގުސަދު ހާސިލް ނުވެ މިދިޔަ ގިނަ އަހަރުތަކުގައި އެ ކުންފުންޏަށް ވަނީ މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.