އެމްޓީޑީސީ

އެމްޓީޑީސީން ހިއްސާއަކަށް 60 ލާރި ބަހަން ފާސްކޮށްފި

Jun 10, 2022
1

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ އަހަރުގެ ފާއިދާއިން ހިއްސާއަކަށް 60 ލާރި ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

މީރުމާގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ 18،000 ހިއްސާދާރުން ތަމްސީލް ކުރި އެވެ.

އެމްޓީޑީސީން ހިއްސާ އަކަށް 60 ލާރި ބެހުމަށް ނިންމުމުން ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 28 މިލިއަން ރުފިޔާ ބަހާނެ އެވެ.

އެމްޓީޑީސީން 2020 ވަނަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް ބަހާފައިވަނީ 50 ލާރި އެވެ. އެއީ 11 ފަހުން އެ ކުންފުނިން ހިއްސާގެ ފައިދާ ބަހަން ނިންމި ފުރަތަމަ ފަހަރެވެ.

އެމްޓީޑީސީ އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 211 މިލިއަން ރުފިޔާ ލިބުނެވެ. ބޮޑު ފައިދާއެއް ލިބުނީ އެމްޓީޑީސީން ލީޒްކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމުންނެވެ.

އެމްޓީޑީސީ އަށް މިހާރު މައިގަނޑު ލިބޭ މައިގަނޑު ދެ ވަސީލަތަކީ އެ ކުންފުނީގެ އަޔާދާ މޯލްޑިވްސް އާއި އަނަންތާރާ ވިލާ އެވެ.

ހިއްސާދާރުންނަށް ޖަވާބ ދެއްވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ އެ ކުންފުނިން ގެންދަނީ ހިއްސާދާރުންނަށް ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރަމުން ކަމަށާއި ފައިދާ އިތުރުކުރުމުގެ ގޮތުން ކުންފުނީގެ މުދާ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޓީޑީސީ އަށް ލިބޭ ފައިދާ އިތުރުކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ ހުޅުމާލެ އިން 7،000 އަކަފޫޓުގެ ބިމެއް ގަނެއް އެތަނުގައި އޮފީސް އިމާރާތެއް އެޅުމަށްފަހު އެ ކުންފުނީގެ އޮފީސް އެ އިމާރާތަށް ބަދަލުކޮށް ބާކީ ހުންނަ ފްލޯތައް ކުއްޔަށް ދީގެން އާމްދަނީ އިތުރުކުރަން ވެސް ނިންމާފަ އެވެ.

އެމްޓީޑީސީން އުފެއްދީ އާންމު ރައްޔިތުންގެ ބައިވެރިވުން ޓޫރިޒަމްގައި އިތުރުކުރަން ނަމަވެސް އެ ކުންފުނި އުފެއްދި މަގުސަދާ އެއްގޮތަށް ކުންފުނި ނުހިނގާ އޮތުމަށްފަހު މިދިޔަ ތިން އަހަރު ވަނީ އެމްޓީޑީސީ އަށް ފައިދާ ވާން ފަށާފަ އެވެ.