މޯލްޑިވިސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން ހުޅުމާލެ އިން ގަނެފައިވާ ބިން އެ ކުންފުންޏަށް ރަޖިސްޓްރީކޮށްދީފި އެވެ.
ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު މިމައްސަލަ ނިންމާ އިއްވާފައިވާ ހުކުމަށް ބަލާއިރު އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ބިން އެމްޓީޑީސީ އިން ގަތީ 22.5 މިލިއަން ރުފިޔާ އަށެވެ. މިފައިސާ ދައްކާފައިވަނީ އެއްފަހަރާ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކް ކުރިމައްޗަށްވާ ގޮތަށް އަމީން އެވެނިއު ކައިރީގައި އޮތް ބިމުގެ ބޮޑުމިނަކީ 6،195 އަކަފޫޓެވެ. ބިން ގަނެފައިވަނީ އަކަފޫޓަކަށް 3،629 ރުފިޔާގެ ރޭޓުންނެވެ.
އެމްޓީޑީސީ އިން މި ބިން ގަތުމަށް އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު އެވެ.
ނިމިދިޔަ ސަރުކާރުގައި އެމްޓީޑީސީ ހިންގުމާ ހަވާލުވެ އޮތް މެނޭޖުމަންޓުން ނިންމާފައިވަނީ ހުޅުމާލެ އިން ގަނެފައިވާ ބިމުގައި ހަތް ބުރީގެ އިމާރާތެއް އެޅުމަށެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އެމްޓީޑީސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ އެޗްޑީސީން ބިމެއް ގަތުމުގެ އެންމެ ބޮޑު ބޭނުމަކީ ކުންފުންޏަށް އާމްދަނީ އިތުރުކުރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބުނު ބިމުގައި މިވަގުތު އެޅެން އޮތީ ހަތް ބުރީގެ އިމާރާތެއް އުސޫލުތައް ހުރި ގޮތުން. އަޅުގަނޑުމެންނަށް މިވަގުތު އެެއް ފްލޯ އިން ވާނެ. އެހެންވީމާ ބާކީ ހުރި ފްލޯތައް އަޅުގަނޑުމެން މި ވިސްނަނީ ކުއްޔަށް ދޭން،" ތަޒްމީލް ވިދާޅުވި އެވެ.
އެމްޓީޑީސީގެ އޮފީސް މިހާރު ހިންގާ އިމާރާތަށް މަހަކު 70،000 ރުފިޔާ ހަރަދު ކުރަންޖެހޭތީ އަމިއްލަ އޮފީހެއް އެޅުމުން އެއީ ސަލާމަތް ކުރެވޭނެ ހަރަދު ކަމަށް އެމްޓީޑީސީން ދެކެ އެވެ.
އެމްޓީޑީސީއަކީ ޓޫރިޒަމް ތަރައްގީކޮށް ޓޫރިޒަމްގެ ހިއްސާ ދިވެހިންނަށް ވާނެ ގޮތެއް ހެދުމަށް 2006 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުފެއްދެވި ކުންފުންޏެކެވެ.
އެމްޓީޑީސީއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.3 މިލިއަން ޑޮލަރު -- 113.2 މިލިއަން ރުފިޔާ އެވެ. އެމްޓީޑީސީއަކީ ސަރުކާރުގެ 47 ޕަސަންޓް އަދި އާންމުންގެ 53 ޕަސަންޓް ހިއްސާވާ ކުންފުންޏެކެވެ.