އެމްޓީޑީސީ

އެމްޓީޑީސީގެ އާ ލޯގޯ އާއި ވެބްސައިޓާއި އޮފީސް މަޝްރޫއު އިފްތިތާހުކޮށްފި

Feb 8, 2023

ސަރުކާރާއި އާންމު ރައްޔިތުން ހިއްސާވާ ޓޫރިޒަމްގެ އެންމެ ބޮޑު ކުންފުނި -- މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އާ ލޯގޯ އާއި ވެބްސައިޓު ތައާރަފްކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ލޯގޯ އާއި ވެބްސައިޓް ތައާރަފް ކުރުމުގެ އިތުރުން އެ ކުންފުނީގެ އާ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއު ވެސް އިފްތިތާހުކޮށްފައިވެ އެވެ. ހުޅުމާލޭގައި އަޅާ އޮފީސް މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އެމްޓީޑީސީގެ އާ ލޯގޯ އާއި ވެބްސައިޓް އަދި އޮފީސް އިމާރާތުގެ މަޝްރޫއު ތައާރަފްކޮށްފައި މިވަނީ އެ ކުންފުންޏަށް 15 އަހަރު ފުރުމާ ދިމާކޮށެވެ.

ހުޅުމާލޭގައި ސެންޓްރަލް ޕާކް ކުރިމައްޗަށްވާ ގޮތަށް އަމީން އެވެނިއު ކައިރިން 7،000 އަކަފޫޓުގެ ބިމެއް ގަނެ އެޗްޑީސީއާ އެކު އެމްޓީޑީސީން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރު މެއި 30 ވަނަ ދުވަހު އެވެ.

އޮފީސް އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފެށުމަށް އެމްޓީޑީސީން ވަނީ ނިންމާފަ އެވެ.

އެމްޓީޑީސީއަށް މިވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބ. ކިހަވަށް ހުރަވަޅީގައި ހަދާފައިވާ އަނަންތާރާ ކިހަވަށް ރިސޯޓުންނާއި ގދ. މަގުދުވާގައި ހަދާފައިވާ އަޔާދާ މޯލްޑިވްސް އިންނެވެ. ސަބް ލީޒް އެއްބަސްވުމެއްގެ ދަށުން އަނަންތާރާ ހިންގަނީ މައިނާ އިންޓަނޭޝަނަލް ކުންފުނިންނެެވެ. އަޔާދާ ހިންގަނީ ތުރުކީގެ އަހްމެޓް އައިދިޒް ކުންފުނިންނެވެ.

ސަރުކާރުގެ 47 ޕަސަންޓް އަދި އާންމުންގެ 53 ޕަސަންޓް ހިއްސާ އޮތް ކުންފުނި -- އެމްޓީޑީސީ އިން ގެންދަނީ ދުބާއީގެ ރޯ ގަލަދާރީ ކުންފުންޏާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުން ހދ. ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ދުބާއީ ކުންފުނީގެ 85 ޕަސަންޓް ހިއްސާއާއި އެމްޓީޑީސީގެ 15 ޕަސަންޓް ހިއްސާ އޮތް ޖޮއިންޓް ވެންޗާ ކުންފުނިން ތަރައްގީކުރާ ނާގޯށި ހުޅުވާއިރު އެތަނުގައި 1،600 އެނދު ހުންނާނެ އެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު މިރޭ ވިދާޅުވީ ނާގޯށި ތަރައްގީކޮށް އަންނަ އަހަރު ހިދުމަތަށް ނެރޭނެ ކަމަށެވެ. އަދި މިވަގުތު އެމްޓީޑީސީ އިން ސީދާ ރިސޯޓެއް ނުހިންގި ނަމަވެސް އެ ކުންފުނީގައި ރިސޯޓް ހިންގުމުގެ ގާބިލްކަން ހުރި ކަމުގައިވެސް ވިދާޅުވި އެވެ.

"230 އެނދުގެ މިރިސޯޓު ތަރައްގީ ކުރާނީ ޒަމާނީ ފެންވަރުގެ ހުރިހާ ވަސީލަތްތަކަކާ އެކު ހުރިހާ ގިންތިއަކަށް ހިދުމަތް ދޭން،" ތަޒުމީލް ވިދާޅުވި އެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 7.3 މިލިއަން ޑޮލަރު -- 113.2 މިލިއަން ރުފިޔާ އެވެ. އެމްޓީޑީސީ އިން ސަރުކާރަށް ދައްކަންޖެހޭ ދަރަނި 13.5 މިލިއަން ޑޮލަރު -- 208 މިލިއަން ރުފިޔާއަށް އަރަ އެވެ.