ގައުމުތަކަށް ހިތު ހުރި އެއްޗެއް ކިޔުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތާމެދު ވިސްނާލާއިރު އަބަދުވެސް ވިސްނަން ޖެހޭ ކަމެއް އޮންނަ ކަމަށެވެ.
ފަތުރުވެރިންނަކީ ރާއްޖެއިން ބޭރުން އަންނަ ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ގުޅުންތަކާއި މިންގަނޑުތައް ބަހައްޓަންޖެހޭ ގޮތްތަކެއް އެބަހުރި ކަމަށެވެ.
"ރާއްޖެއަށް ފަތުރުވެރިކަމަށް އިގުތިސާދު ބިނާވެގެން ތިބެ އަޅުގަނޑުމެންނަކަށް ދުނިޔޭގެ ގައުމުތަކާއި ދިމާލަށް ހިތު ހުރި އެއްޗެއް ކިޔާ ހިތުހުރި ގޮތަކަށް ހަދައިގެންނެއް ކަމަކު ނުދާނެ، އެއީކީ ބުއްދިވެރި ގޮތެއް ނޫން." ޝާހިދު ވިދާޅުވި އެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑޫ ސިނާއަތްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ގައުމުތަކާއި ދޭތެރޭ އޮންނަ ގުޅުމާއި ގައުމުތަކުން އަންނަ މީހުންނާ ދޭތެރޭ ބަހައްޓަންޖެހޭ އަހުލާގީ މިންގަނޑުތަކެއްވާ ކަމަށެވެ.
ރާއްޖެއަކީ ފަތުރުވެރިންނަށް އަބަދުވެސް މަރުހަބާ ކިޔާ އޯގާތެރިކަމާއެކު ހިތްތައް ހުޅުވާލައިގެން ތިބޭ ބަޔަކަށް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އަދި ރާއްޖެ އަބަދުވެސް މަޝްހޫރުވެފައިވާ މަރުހަބާ ކިޔުމުގެ މަތިވެރި ރަމްޒު އަބަދުވެސް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ވަކިބަޔަކާ ދިމާކޮށްލައިގެން، ވަކި ނަސްލަކާ ދިމާކޮށްލައިގެން ވަކި ގޮތަކަށް އުޅޭ ބައެއްކަމުގައި ހަދަން ފަށައިފިނަމަ އަޅުގަނޑުމެންގެ މި ފަތުރުވެރިކަމަށް މިދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ލިބިފަ އޮތް ރީތިނަން ހަރާބުވެގެން ހިނގައިދާނެ" ޝާހިދު ވިދާޅުވި އެވެ.
ދިވެހިންނަކީ ބޭރުގެ ފަރާތްތަކަށް މަރުހަބާ ކިޔާ އަދި ބޭރުގެ ފަރާތްތައް ރާއްޖެ އައުމުން ހިތްތަކާއި އަތްތައް ހުޅުވާލާ ބަޔަކަށްވުމަށް ޝާހިދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.