ހދ. އަތޮޅުގައި ޓޫރިޒަމް ތަރައްގީ ނުކުރެވި އަހަރުތަކެއް ފާއިތު ވެގެން ގޮސްފައިވަނީ ސަރުކާރުތަކުން ހދ. އަތޮޅަށް އިހްމާލުވެފައި ވާތީ ކަމަށް އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅު ވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވަނީ ހދ. އަތޮޅުގައި އެކަށީގެންވާ އަދަދަކަށް ރިސޯޓްތައް ތަރައްގީ ނުކުރެވި އޮތް މައްސަލައިގައި ވާހަކަ ދައްކަވާފަ އެވެ.
އެ ދެ ބޭފުޅުން ވެސް ވިދާޅުވީ އެ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގައި ސަރުކާރުތަކުން އިހްމާލުވެފައިވާތީ އެ އަތޮޅުގެ ރައްޔިތުންނަށް ލިބެންޖެހޭ އެތައް ހައްގުތަކަކުން މަހުރޫމުވެފައިވާ ކަމަށެވެ. ނަމަވެސް އެކަންކަން ކެތްތެރިކަމާއެކު ރައްޔިތުން ތަހައްމަލް ކުރަމުންދާ ކަމަށެވެ. އެކަމަކު ފަތުރުވެރިކަމާ ބެހޭ ގާނޫނަށް މި ސަރުކާރުން ގެންނަ އިސްލާހުތަކުގެ ސަބަބުން އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ރަނގަޅު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކޮށްފައިވާ ނާގޯށީގައި ރިސޯޓެއް ތަރައްގީކުރުން ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާތީ ދެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މެންބަރު ޒިޔާދު ވިދާޅުވީ ނާގޯށީގެ މައްސަލަ ހައްލުކުރުމަށް އެރަށާ ހަވާލުވެފައިވާ އެމްޓީޑީސީ އާއި އެކު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
"އެހެންވީމާ މިހާރު އަޅުގަނޑުމެން އުއްމީދު މިކުރަނީ އެ ރަށުގައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް،" ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހދ. އަތޮޅުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަރުވާ ފުޅާކުރުމަށް އަތޮޅުގެ ރައްޔިތުންނަށް ބޭންކްތައް މެދުވެރިކޮށް ލޯނު ދޫކުރާ ނިޒާމެއް ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ އިޝްތިހާރުކުރާ ހޯމް ސްޓޭ ވިޔަފާރި ކުރިއެރުވުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ ހދ. އަތޮޅުގެ ގިނަ ޒުވާނުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި ކަމަށެވެ. ނަމަވެސް އަތޮޮޅުގެ ރައްޔިތުންނަށް އެމީހުން ދިރިއުޅޭ ރަށުގެ ކައިރިން ވަޒީފާގެ ފުރުސަތު ފަހިވެފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. ހދ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ޔާސިރު ވަނީ ދެއްވާފަ އެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އެފަދަ އެއާޕޯޓެއްގައި ފުރިހަމަވެފައި ހުންނަންޖެހޭ އިންތިޒާމުތައް ހަމަޖެހިފައި ހުރި ތަނަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.