އަބްދުﷲ ޝާހިދު

"ހާލަތު މިހާ ގޯސްވީ ފަތުރުވެރި ކަމަށް އެކަނި ބަރޯސާވުމުން: ޝާހިދު

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހި އިގްތިސާދަށް ބޮޑު ލޮޅުމެއް އައީ ރާއްޖެ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އދ ގެ އާއްމު މަޖިލީހުގެ 75 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށްދިޔަ ހޮރަސިސް އެކްސްޓްރާއޯޑިނަރީ މީޓިންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. "ޕޮޓެންޝަލް ފޯ ސައުތު އޭޝިއާ" މި މައުލޫގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ މެދުގައި އަދި ގައުމުތަކުގެ ތެރޭގައި ހަމަހަމަކަން ނެތް ބައެއް ކަންތައްތައް ހާމަވެއްޖެ ކަމަށެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުރާލާ ރާއްޖެއިން ފިޔަވަޅުތަކެއް އެޅި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ދިވެހި އިގްތިސާދަށް ބޮޑު ލޮޅުމެއް އައީ ރާއްޖެ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުން ކަމަށް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ދިގު ރާސްތާ ޕްލޭންތަކެއް ހެދިފައިވާ ކަމަށެވެ.

"މި ޕްލޭންތަކުގެ ތެރޭގައި އިގްތިސާދު ޑައިވާސިފައިކޮށް ފަތުރުވެރި ކަމަށް އެކަނި ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުން ހިމެނޭ،"

ކޮވިޑް-19ގެ ބަލިމަޑުކަމުގައިވެސް ދިވެހިންގެ އަވަށްޓެރިން ކަމަށްވާ އިންޑިއާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝް އިން މާލީ އެހީ އާއި ލޯނު އަދި ތަކެތީގެ އެހީ ފޯރުކޯށްދީ ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދީފައިވާކަންވެސް ޝާހިދު ފާހަގަަ ކުރެއްވިއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ (ސާކް)ގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ގޮވާލައްވާފައެވެ.