ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭރު ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން ރާއްޖެއަށް ކަނޑައަޅުއްވަވާފައިވާ ސަފީރުންނާއެކު ވާޗުއަލްކޮށް ފޮރިން މިނިސްޓްރީއިން ބޭއްވި ރެސެޕްޝަންގަ އެވެ.
ރައީސް ވިދާޅުވީ މިއަދުގެ ދުނިޔޭގައި އެއްވެސް ގައުމަކަށް އެކަނި، އެކަހެރިވެގެން ނުތިބެވޭނެ ކަމަށާއި މައްސަލަތައް ހައްލު ކުރެވޭނީ އެކުގައި ކުރެވޭ މަސައްކަތްތަކުން ކަމަށެވެ. އެހެން ގައުމުތަކުގެ އެހީތެރިކަން ކޮންމެ ގައުމަކަށް ވެސް ބޭނުންވާނެކަން މި ބަލިމަޑުކަމުން ވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ.
މި ސަރުކާރުގެ ފޮރިން ޕޮލިސީގެ އެންމެ މުހިންމު އަސާސަކީ ބައިނަލްއަގްވާމީ މުޖުތަމައުއާ ވީހާވެސް ބޮޑަށް ގުޅިގެން މަސައްކަތް ކުރުން ކަމަށާއި އެކަން އެގޮތުގައި ދަމަހައްޓަވާނެ ކަމަށް އިނގިރޭސި ބަހުން ދެއްވި ތަގުރީރުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އިގުތިސޯދީ ގޮތުން ކިތަންމެ ބޮޑު ގެއްލުމެއްވީ ނަމަވެސް ބޯޑަރު ބަންދު ކުރަން ޖެހުނު ކަމަށާއި ނަމަވެސް މިހާރު އަލުން ބޯޑަރު ހުޅުވާލައި ޓޫރިސްޓުންނަށް ރާއްޖެ މަރުހަބާ ކިޔަމުންދާ ކަމަށެވެ.
އެހެންވެ، ގެއްލުމުން އަރައިގަތުމަށް ވީހާވެސް ގިނަ ޓޫރިސްޓުން ރާއްޖެ އައުމަކީ ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށާއި އެކަމުގައި އެކުވެރި އެހެން ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މި ވަގުތު ދަތުރު ކުރުމަށް އެންމެ ރައްކާތެރި ތަނަކީ ރާއްޖޭގެ ރިސޯޓްތަކެވެ. ސަލާމަތީ އަދި ރައްކާތެރި ފިޔަވަޅުތަކާއެކު ރާއްޖޭގެ ރިސޯޓްތަކަކީ ވަކިން އެކަހެރިކޮށް ހުންނަ ތަންތަނަށްވާތީ އެންމެ ބޮޑު ރައްކާތެރިކަމެއް ލިބޭނީ އެތަނުންކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގެ އިތުރުން ދުނިޔެއަށް ދިމާވެފައިވާ އެހެން މައްސަލަތަކުގައި ވެސް އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ. އުއްމީދު ކުރައްވަނީ މިއަދަށް ފެހި މާދަމާއެއް ކަމަށް ރައީސް ވިދާޅުވި އެވެ.