ދުނިޔެ

ލީބިޔާގެ މައިގްރަންޓް ސެންޓަރަކަށް ދިން ހަމަލާގައި 40 މީހުން މަރު

Jul 3, 2019

ޓްރިޕޮލީ (ޖުލައި 3) - ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ ޑިޓެންޝަން ސެންޓަރަކަށް އިއްޔެ ދިން ވައިގެ ހަމަލާއެއްގައި 40 މީހުން މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެފްރިކާއިން ހިޖުރާކުރާ މީހުން ބައިތިއްބާ އެ ސެންޓަރަށް ދިން ހަމަލާގައި އިތުރު 80 މީހުން ޒަހަމްވެފައިވާކަމަށްވެސް ރިޕޯޓުތައް ބުންޏެވެ. އަދި މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް ވެސް ކަމާބެހޭ އިދާރާގެ އޮފިޝަލަކު ވަނީ އިންޒާރުދީފަ އެވެ.

އަސްކަރީ މަރުކަޒަކާއި އިންވެގެން ހުންނަ އެ ސެންޓަރަށް ދިން ހަމަލާ ބައިނަލްއަގުވާމީ މުޖުތަމައުއިން ވާގިދޭ އެގައުމުގެ ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ.

އެފްރިކާގެ ގައުމުތަކުން އިޓަލީއަށް ހިޖުރަކުރާ މީހުން ކަނޑުމަގުން އާންމުކޮށް ދަތުރުކުރަނީ ލީބިޔާއަށް އެތެރުވުމަށްފަހު އެވެ. އެގޮތުން، އަތުލައިގަނެވޭ މީހުން ބައިތިއްބާ ސެންޓަރުތަކުގެ ހާލަތު ދެރަކަމަށް ބުނެ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ހަމަލާގެ ފަހަތުގައިވަނީ ފާއިތުވި ތިން މަސް ދުވަހު ސަރުކާރާ ދެކޮޅަށް ހަމަލާތައް ދެމުންދާ ކުރީގެ ޖެނެރަލް ހަފްތާރުކަމަށް ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ.

ނަމަވެސް، ހަފްތާރު ކޮންޓްރޯލްކުރާ ލީބިޔަން ނެޝަނަލް އާމީ (އެލްއެންއޭ) ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ލީބިޔާގެ އިރާއި ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލްކުރާ އެލްއެންއޭ އިން ދަނީ ޓްރިޕޮލީގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ލީބިޔާގެ ކުރީގެ ރައީސް މުއައްމަރަލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ނިކުތް ހަނގުރާމަވެރިން ނޭޓޯގެ އެހީތެރިކަމާ އެކު އެ ސަރުކާރު ވައްޓާލާ ގައްޒާފީ އަވަހާރަކޮށްލި ފަހުން އެގައުމުގައި ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ. އަދި ހައްދު ފަހަނަ އެޅި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަށް ދަށަށް އެ ގައުމުގެ ބައެއް ސަރަހައްދުތައް ގޮސްފައިވާ އިރު އެ ގައުމު އޮތީ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ.