ބާ ކައުންސިލް

ޝަކުވާތަކާ ގުޅިގެން ބާ ކައުންސިލް އިންތިހާބީ އުސޫލަށް ބަދަލުތަކެއް

Jul 3, 2019
4

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ ހޮވަން މިމަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އުސޫލަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އެ އުސޫލަށް އިސްލާހުތަކެއް ގެންނަން ކޮމިޝަންގެ މެންބަރުން ނިންމަވައިފި އެވެ.

އީސީން މިއަދު ބުނީ މިދިއަ ހޯމަ ދުވަހު އާންމުކޮށްފައިވާ އުސޫލުގެ 17 ވަނަ މާއްދާގެ އިތުރުން 22 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެ އުސޫލުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވޯޓު ބާތިލްވާނެ ހާލަތްތަކެވެ. އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު "އަވަސް" އަށް ވިދާޅުވީ އެ މާއްދާގެ ދަށުން އިންތިހާބުކުރަންޖެހޭ ކެންޑިޑޭޓުންގެ އަދަދަށްވުރެ މަދުން ފާހަގަޖަހާފައިވާ ވޯޓު ކަރުދާސްތައް ބާތިލުނުވާ ގޮތަށް އިސްލާހުކުރެވިފައިވާ ކަމަށެވެ.

އަދި 22 ވަނަ މާއްދާގައި މިހާރުވާ ގޮތުން އެގްޒެކެޓިވް ކޮމެޓީގެ ކޮންމެ މަގާމަކަށް އިންތިހާބުކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލައިފިނަމަ އޮޓޮމެޓިކުން އެ ކެންޑިޑޭޓަކު އެ މަގާމަކަށް ހޮވޭގޮތަށް އޮތް އޮތުން މިހާރު އިސްލާހު ކުރެވިފައިވާކަމަށްވެސް އަކަރަމް ވިދާޅުވި އެވެ.

"މިހާރު އެ މަގާމަކަށް އިންތިހާބުކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން އިންތިހާބުވާނީ ވޯޓުލައިގެން. ފެންނަ ނުފެންނަ ސިއްރު ވޯޓަކުން އެ މަގާމަކަށް އިންތިހާބުވާނީ،" އަކްރަމް ވިދާޅުވި އެވެ.

އެ ދެ މާއްދާއަށް އިސްލާހު ގެނައުމަށްފަހު، އިންތިހާބުގެ އުސޫލު އަލުން ގެޒެޓުކުރަން ފޮނުވާފައިވާކަމަށް އީސީން ވަނީ ބުނެފަ އެވެ.

ބާ ކައުންސިލްގެ ބިލު ގާނޫނަކަށް ބަދަލުވުމާއެކު، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ބަލައި ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރާނީ ބާ ކައުންސިލް އިންނެވެ.

ބާ ކައުންސިލްގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ބަންޑާރަ ނައިބާއި، ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރަށް މެންބަރުންގެ ގޮތުގައި ތިބޭ ހަ ވަކީލުންނެވެ. އެ ގޮތުން ބަންޑާރަ ނައިބު ފިޔަވައި އެހެން މެންބަރުން ހޮވާނީ ވަކީލުންގެ ތެރޭގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އެ އިންތިހާބު ބޭއްވުމުގެ ހުރިހާ ކަމެއް ކުރަން ޖެހޭނީ އީސީ އިންނެވެ.