ހަބަރު

ބާ ކައުންސިލްގެ އެކްސްކޯއަށް ނޫރުބާން އިންތިހާބުވެއްޖެ

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ (އެކްސްކޯ) އިން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ގާނޫނީ ވަކީލު ނޫރުބާން ފަހުމީ އިންތިހާބު ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކުރި މިއަދުގެ ވޯޓުގެ ނަތީޖާގައިވާ ގޮތުން އެ މަގާމު ކާމިޔާބު ކުރެއްވި ނޫރުބާނަށް 101 ވޯޓު ވަނީ ލިބިވަޑައިިގެންފަ އެވެ. އޭނާއާ ވާދަކުރެއްވި އަބްދުލްސަލާމް އާރިފަށް ލިބިވަޑައިގަތީ 97 ވޯޓެވެ. ބާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލެއްވީ ދެ ބޭފުޅުން އެކަންޏެވެ.

ބާ ކައުންސިލްގެ އެކްސްކޯއިން މެންބަރެއްގެ މަގާމު ހުސްވީ ކުރިން އެ ކައުންސިލްގެ މެންބަރު ކަމުގައި ހުންނެވި އައިޝާ ޝަޖޫން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އައިޝާ ޝުޖޫން ބާ ކައުންސިލް އިން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރެއްވުމުންނެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން 3:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ އިންތިހާބުގައި 695 ގާނޫނީ ވަކީލަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންވެ އެވެ.

ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި މި އަހަރު އުފެއްދި ބާ ކައުންސިލްގެ އެކްސްކޯގައި ތިއްބަވަނީ އެ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސް އާއި ހަ މެންބަރުންގެ އިތުރުން ބަންޑާރަ ނައިބެެވެ. ބަންޑާރަ ނައިބު ފިޔަވައި ދެން ހުރި މަގާމުތަކަށް މީހުން ހޮވަނީ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބާ ކައުންސިލްގެ ރައީސަކީ ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. ދެން އެ ކޮމިޓީގައި މިހާރު ތިއްބަވާ މެންބަރުންނަކީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމާއި އެމްޑީޕީގެ ސެކްރެޓްރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން އެވެ.