ބާ ކައުންސިލް

ބާ ކައުންސިލް އިންތިހާބުގައި ވޯޓުލުން ފަށައިފި

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ކައުންސިލަށް ރައީސާއި، ނައިބް ރައީސެއްގެ އިތުރުން، މެމްބަރުގެ ގޮތުގައި ހަ މީހަކު އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ. ދެން އެ ކައުންސިލްގައި އިންނަވާނީ ބަންޑާރަ ނައިބެވެ. ބާ ކައުންސިލްގެ ވޯޓުލުން ކުރިޔަށް ދަނީ މާލެއާއި، އައްޑު އަތޮޅު ފޭދޫގަ އެވެ.

މާލޭގެ ޖަމާލުއްދީނުގައި ދެ ފޮށި ބަހައްޓާއިރު، އައްޑޫގައި ހުންނަ ޝަރަފުއްދީން ސުކޫލުގައި ވެސް ފޮއްޓެއް ބަހައްޓާފައި ވެއެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ދެ ބޭފުޅަކު، ނައިބް ރައީސް ކަމަށް ދެ ބޭފުޅަކު އަދި މެމްބަރު ކަމަށް 19 ބޭފުޅަކު ކުރިމަތިލައްވާފައި ވެއެވެ. ރައީސް ކަމަށް ކުރިމަތިލާފައިވަނީ، ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ހުސްނުއްސުއޫދާއި، މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އަބުދުﷲ މުއިއްޒާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާފައި ވަނީ، އަލީ ނަސީރު ގާސިމް، ޝަބާބު ރަޝީދު، އައިމިނަތު އަރީޖު ހުސައިން، އަނާރާ ނައީމް، އަހުމަދު މުއިއްޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ. މުހައްމަދު އިބްރާހިމް، ޒުބައިރު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބުދުއްސަލާމް އާރިފު، އަނަސް އަބުދުއްސައްތާރު، މުހައްމަދު ވަހީދު ނަޖީބު، ސަފާ ޝަރީފު، އަބުދުލް މާނިއު ހުސައިން، މުހައްމަދު ފަރީދު، ޒިމްނާ އަބުުދުލް މުހުސިން، އައިޝާ ސުޖޫން، މުހައްމަދު އަސީލާއި، އަލީ ޝާހު އެވެ.

ބާ ކައުންސިލްގެ އިންތިހާބަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ އިރު، އެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.