ރާއްޖެ ކުޅިވަރު

ޖޮހޯރު އޯޕަންގައި އެތްލެޓިކްސް ޓީމު ވާދަކުރަނީ

Jul 23, 2015

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން މެޑަލްތަކެއް ހޯދަން އަމާޒުހިފާފައިވާ ގައުމީ އެތްލެޓިކްސް ޓީމު މެލޭޝިޔާގެ ޖޮހޯރުގައި މި ހަފުތާގައި އޮންނަ ޖޮހޯރު އޯޕަންގައި ބައިވެރިވާން ނިންމައިފި އެވެ.

މިއީ އަންނަ މަހު އެކެއްގައި ރިޔޫނިއަންގައި ފަށާ ގޭމްސްގެ ކުރިން އެންމެ ފަހުގެ ތަމްރީނުތައް ހެދުމަށް ގައުމީ ޓީމު ބައިވެރިވާ މުބާރާތެކެވެ.

ގައުމީ ޓީމު މިހާތަނަށް ފަރިތަކުރަމުން ދިޔައީ ވެސް މެލޭޝިޔާގަ އެވެ. ޓީމުގައި ތިބީ އަށް ފިރިހެން އެތުލީޓުންނާއި ތިން އަންހެން އެތުލީޓުންނެވެ. މީގެ ތެރެއިން ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިޔާ ޝަމްހާ އަހުމަދު ޓީމުގައި ބައިވެރިވީ މިދިޔަ ހަފުތާގަ އެވެ. ގާތްގަނޑަކަށް 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އޭނާ ގައުމީ ޓީމުގައި ހިމެނިގެން ދުވާނީ ލޯންގް ޑިސްޓެންސް އިވެންޓްތަކުގަ އެވެ. ޝަމްހާ މިހާތަނަށް ދުވުން ހުއްޓާލައިގެން ހުރީ ދިރިއުޅުން ޖަރުމަނުގައި ހޭދަކުރަން ޖެހުމުންނެވެ.

ޝަމްހަގެ އިތުރުން ޖެމެއިކާގައި އަހަރަކަށްވުރެ ގިނަ ދުވަހު ތަމްރީނު ހޯދާފައިވާ ހަސަން ސާއިދު ވެސް ޓީމުގައި އެބަހުއްޓެވެ.

ރާއްޖެ އަށް އެންމެ ފަހުން އެތްލެޓިކްސްއިން މެޑައްޔެއް ލިބިފައިވަނީ 2010ގެ ސާފް ގޭމްސްގަ އެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް މެޑަލް ހޯދަން ޓީމު ތައްޔާރުވާއިރު އެ ފަހަރު ޓީމަށް ކޯޗުކޮށްދިން އަހުމަދު ފާއިލް މިފަހަރު ވެސް ޓީމުގެ ކޯޗިން ސްޓާފުގެ ތެރޭގައި އެބަހުއްޓެވެ. ދެން ތިބީ އަބުދުﷲ އިބްރާހީމާއި އަހުމަދު އަޒީލް އެވެ.