ހަބަރު

އެއްބަސްވުންތައް އެފުށް މިފުށަށް ޖަހަން ރައްޔިތުން ވެރިކަން ނުދޭނެ: ނަޝީދު

މި ސަރުކާރުން އެހެން ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް "އެފުށް މިފުށަށް" ޖަހާނެ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމަކީ ރައްޔިތުން އެމަނިކުފާނަށް ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"ފޭރުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ދެ ޕާޓީން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭ ދުވަހަކުން ދައުލަތުގެ ހަރު މުދާތައް ވިއްކާ ގޮތަށް މި ސަރުކާރުން ކޮށްފައިވާ ހުރިހާ އެއްބަސްވުމެއް "އެފުށް މިފުށަށް" ޖަހާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރު ކަމެއް ނެތި އެގްރީމެންޓްތައް އެފުށް މިފުށަށް ޖެހުމުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުންތައް އެތައް ބިލިއަނަކަށް އަރާފައިވާ ކަމަށެވެ. ރައްޔިތުންނަށް ލިބޭ ގެއްލުމަކަށް ބެލުމެއް ނެތި އަނެއްކާވެސް އެގްރީމެންޓްތައް އެފުށް މިފުށަށް ޖަހާނެ ކަމަށް ވިދާޅުވުމަކީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރޭގެ އެއްވުމުގައި އެފުށް މިފުށަށް ޖަހާނީ މި ސަރުކާރުގެ ކޮން އެއްބަސްވުންތަކެއް ކަމަށް ރައީސް ޔާމީން ވިދާޅެއް ނުވެ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ދިނުމުން އެ ގޮތަށް ކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ދިވެހި ދައުލަތުގެ ހަރު މުދާތައް ވިއްކަން ދުވަހަކު ވެސް ތާއީދު ނުކުރައްވާ ކަމަށެވެ. މީގެ ކުރިން އިދިކޮޅު ފަރާތެއްގެ ގޮތުގައި އެމަނިކުފާނު ހުންނެވިއިރު އެންމެ ބޮޑަށް ވާކާލާތު ކުރެއްވީ އެ ކަމާ ދެކޮޅަށް ކަމަށާއި މިހާރު ވެސް އެކަމާ ދެކޮޅަށް ވާކާލާތު ކުރައްވާނެ ކަމަށެވެ.