ހަބަރު

އަންނަ އަހަރުން ފެށިގެން ޗައިނާގެ ދަރަނި ދައްކަން ބަޖެޓްގެ 15 ޕަސެންޓް

އަންނަ އަހަރުން ފެށިގެން ޗައިނާއަށް ދަރަނި ދައްކަން ބަޖެޓްގެ 15 ޕަސެންޓް ކަނޑައަޅަންޖެހޭ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޗައިނާ އިން ނަގާފައިވާ ލޯނުތަކަކީ ކޮމާޝަލް ލޯންތަކެއް ކަމަށާއި އެކަމުގެ ސަބަބުން ދައްކަންޖެހޭ އިންޓަރެސްޓް ވަރަށް ބޮޑު ކަމަށެވެ.

"އަންނަ އަހަރުން ފެށިގެން ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ކަނޑައަޅަންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ބޮޑުވެފައިވަނީ ދައްކަން ޖެހޭ ލޯންގެ އިންޓަރެސްޓް އެކަނި ނޫން ކަމަށާއި އެމީހުން ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވެސް ބޮޑު ކަމަށެވެ. އަދި ޗައިނާއިން އެމަސައްކަތްތަކުގެ ބިލްތައް ފޮނުވީ ބޮޑުކޮށް ޖަހާފައި ކަމަށާއި އެހެންކަމުން މިހާރު މި ސަރުކާރުން އެ މަސައްކަތްތަކަށްވާ އަގާއިއެކު އިންޓަރެސްޓްވެސް ދައްކަންޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ހަރަދުތައް ކުޑަކޮށްގެން ނަމަވެސް އެދަރަނި ދައްކަންޖެހޭ ކަމަށެވެ. ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ ސަބަބުން ތަރައްގީގެ ޕްރޮޖެކްޓްތައް ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެކަންކަން ހައްލު ކުރުމަށްޓަކައި ޗައިނާއާއެކުވެފައިވާ އެއްބަސްވުންތައް މުރާޖާކުރުމަށް މަޝްވަރާތައް ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.