ވިކްޓަރީ

ހާލަތު ބަދަލު ކުރުމުގައި ވިކްޓަރީއަށް ގޮންޖެހުން ބޮޑު

ވިކްޓަރީގެ މިހާރުގެ ޗެއާމަން، ޑރ. އިބްރާހިމް ނާޝިދު (ނާޝް)، ވިކްޓަރީގެ ޗެއާމަންކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްދަލުވުމުގައި، ގަލޮޅު މަދަރުސާގައި ހުންނަވައި، ވިދާޅުވީ އޭނާގެ އަމިއްލަ ވަގުތު ހުސްކޮށްގެންވެސް ވިކްޓަރީގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ނާޝް އާއި އޭނާގެ ބޯޑު ވިކްޓަރީ އާއި ހަވާލުވިއިރު، ކުރީގެ ދައުރުތަކުގެ ބޯޑުން އޮތީ ބޮޑު ދަރަންޏެއް ވިކްޓަރީގެ ބޮލުގައި އަޅުވާފަ އެވެ. އެ ދަރަނި އޮވެ ވިކްޓަރީއަށް ސީޒަންގައި ބައިވެރި ނުވެވޭ ހާލަތަށް ދިޔަ އެވެ. އެ ހާލަތު ރަނގަޅު ކުރުމަށް ވިކްޓަރީން ހޭވެރިކަންވީވެސް ސީޒަން ފެށެން ކުޑަތަން ވެފައި ވަނިކޮށެވެ.

ނާޝްގެ ބޯޑުން، މިދިޔަ އަހަރު ޑިސެމްބަރު މަހު ވިކްޓަރީ އާ ހަވާލުވި އެވެ. ސީޒަން ފެށުމުގެ ކުރިން ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ ވަގުތު ލިބުނެވެ. ވިކްޓަރީއަށް ލިބުނު ފައިސާގެ ތެރެއިން ބައެއް ހޭދަ ކުރީ، މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މުސާރަ ނުލިބިތިބި ކުޅުންތެރިންގެ ފަރާތުން އެފްއޭއެމް އަށް ހުށަހަޅާފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށެވެ.

މާޗް މަހު ބޭއްވި، ޔޫތު ޗެމްޕިއަންޝިޕްގައި، ވިކްޓަރީގެ ޓީމު މެޗު ކުޅޭ ދުވަހު، ނާޝް އާއި ޓީމުގެ ވައިސް ޗެއާމަން މައުރޫފް އަހްމަދު (މާއްޓޭ) ދަނޑަށް ވަޑައިގެންނެވި އެވެ. އެހެންނަމަވެސް ދިވެހި ޕްރިމިއާ ލީގްގައި ވިކްޓަރީން ފުރަތަމަ ހަތަރު މެޗު ކުޅުނު އިރުވެސް ވިކްޓަރީގެ ވެރިން ދަނޑަށް ވަޑައި ނުގަންނަވައެވެ. ނަމަވެސް އިއްޔެ ކުޅުނު މެޗަށް ނާޝިދު ވަނީ ދަނޑަށް ވަޑައިގެންފަ އެވެ.

ވިކްޓަރީގެ ހާލަތު ބަދަލު ކުރުމަށް ނާޝިދު އާއި އޭނާގެ ބޯޑަށް އޮތް އެންމެ ބޮޑު ގެންޖެހުމަކީ މާލީގެ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުމެވެ. ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިޔެއްގެ އިތުރުން ބިދޭސީ ކުޅުންތެރިޔެއްވެސް ނެތެވެ. ނާޝިދު ވިދާޅުވީ ޓީމަށް ފައިސާ ވަންނާނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ވިކްޓަރީ ޒަމާންވީ ސަޕޯޓަރުންގެ ތެރެއިން ޗަންދާ ދެވެން ހުރި ފަރާތްތަކާ ވާހަކަ ދެކެވި ކޮންމެ މަހަކު އެއްފަހަރު ޗަންދާ ޖަމާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗަންދާ ކަލެކްޓް ކުރެވޭނެ ސިސްޓަމް ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ތައްޔާރު ވާނެ، ކުލަބަށް ފައިސާ ހޯދޭނެ ގޮތްތައް ހޯދުމަށް އެހެން ގޮތްތައްވެސް ރާވަމުން އަޅުގަނޑުމެނެ މިގެންދަނީ،" ނާޝިދު ވިދާލޫވި އެވެ.

އޭނާ ވިދާޅުވީ، ކުލަބު ރަނގަޅު އިންތިޒާމެއްގެ ދަށުން ހިންގުމަށް އިދާރީ ރަނގަޅު ނިޒާމެއް ގާއިމު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުލްޓައިމް ޖެނަރަލް ސެކެޓްރީއާއެކު ކުލަބުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމުން ކުލަބުތަކަށް ދިނުމަށް ވައުދުވެފައިވާ ތިން މިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ވަރެއް ވިކްޓަރީއަށް ލިބަފައި ނެތުމަކީވެސް އެ ޓީމަށް ކުރިމަތި ވެފައިވާ އުނދަގޫ ހާލަތެކެވެ. ވިކްޓަރީގެ ބޯޑު މެންބަރަކު ވިދާޅުވީ، އަންނަ މަހު 500،000 ރުފިޔާ ދޭނެ ކަމަށް ބުނެ އެފްއޭއެމުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އިއްޔެ ފޯކައިދުއާ ދެކޮޅަށް ކުޅުނު މެޗުގައި، ވިކްޓަރީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. ޓީމުގެ ކޯޗް މުހައްމަދު އާދަމް ބުނީ އިތުރު މަސައްކަތްތަކާއެކު ލީގްގައި ވާދަ ކުރެވޭނެކަން މެޗުން އެނގިގެން ދިޔަ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގައި އެހެން ގޮންޖެހުމެއް ޓީމަށް ކުރިމަތިވުމުގެ ބިރު އެބައޮތެވެ. ކުޅުންތެރިންނަށް މުސާރަ ދިނުމަށް ވަގުތު ކުޑަތަންވެގެން އަންނައިރު މިހާރު ތިބި ކުޅުންތެރިންނަށް މުސާރަ ނުދެވިއްޖެނަމަ އޭގެ އަސަރު ކުޅުންތެރިންގެ މޯޓިވޭޝަނަށް ކުރާނެ އެވެ.