ބޭރު ކުޅިވަރު

ޝްވައިންސްޓައިގާ: މިއީ ޔުނައިޓެޑުން ކީއްކުރަން ގަތް މީހެއް؟

Jul 24, 2015

ޖަރުމަނަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގެ ވައިސް ކެޕްޓަން އަދި ބަޔާން މިއުނިކްގެ ވެސް ވައިސް ކެޕްޓަން ބަސްޓިއަން ޝްވައިންސްޓައިގާ ދެން ފެންނާނީ މަޝްހޫރު މެންޗެސްޓާ ޔުނައިޓެޑުންނެވެ. އޭނާއާމެދު ޔުނައިޓެޑާއި ސަޕޯޓަރުންގެ އުއްމީދުތައް މަތިވެރިއެވެ. އެކަމަކު ސުވާލަކީ މި ކުޅުންތެރިޔާގެ އަސްލު ފެންވަރުގައި އޭނާ ޔުނައިޓެޑުގެ ޖާޒީގައި ފެނިދާނެތޯ އެވެ؟ ކޯޗު ލުއިސް ވެންހާލް އަށް ޝްވައިންސްޓައިގާއާއެކު ފުރަތަމަ ފަހަރަށް ޕްރެމިއާ ލީގު ހޯދިދާނެ ހެއްޔެވެ؟ މިހިރީ ހައްތަހާ ވެސް ސުވާލުތަކެވެ. މި ސުވާލަށް ޖަވާބު ހޯދުމަށް ހަ ސުވާލެއް ކުރަންޖެހެ އެވެ.

ވޯލްޑް ކަޕަށް ފަހު ޝްވައިންސްޓައިގާ ހުރީ އަނިޔާގަ އެވެ. އޭނާ ބަޔާން އަށް މެޗެއް ކުޅެދިނީ ވެސް ސީޒަނުގެ ފުރަތަމަ 22 މެޗަށްފަހު އެވެ. އޭނާ ކުޅެން ފެށުމާ ހަމައަށް ބަޔާން މެޗަކުން ބައްޔެއްނުވެ އެވެ. މިހެންވެ އޭނާ ޓީމަށް ގެނައުން އަވަސް ކުރާކަށް ވެސް ކޯޗު ޕެޕް ގާޑިއޯލާ އަކަށް ނުޖެހުނެވެ. އަދި މުޅިން ފިޓްވި ފަހުން ވެސް ތަޖުރިބާކާރު މިޑްފީލްޑަރު ޒަބީ އަލޮންސޯ ފުރަތަމަ އެގާރައިން ނަގައި އެއްލާލެވޭވަރެއްނުވި އެވެ. މިހެންވެ ގާޑިއޯލާ ކޮންމެހެން ބޭނުންނުވާ ކުޅުންތެރިންގެ ލިސްޓަށް ސްވައިންސްޓައިގާ އިތުރުވި އެވެ. ސީޒަން ނިމުނުއިރު އޭނާ ކުޅުނީ ޖުމުލަ 34 މެޗުގަ އެވެ. ފުރަތަމަ 11ގައި ކުޅުނީ 15 މެޗުގަ އެވެ.

ދުނިޔޭގެ ޗެމްޕިއަން ގައުމުގެ ކެޕްޓަން ދޫކޮށްލުމަކީ ބަޔާން އަށް ވެސް ބޮޑުކަމަކަށްވި އެވެ. ޓީމަށް ގިނަ ދުވަސްތަކެއްގައި ކުޅެފައިވުމުންނެވެ. އެކަމަކު ނިމިދިޔަ ސީޒަނުގައި ދެއްކި ކުޅުމަށް ބަލާއިރު އޭނާ ދިއުމަކީ ޓީމަށް ބޮޑު ގެއްލުމެއް ކަމަށް އެ ކުލަބަށް ނުފެނުނީ އެވެ. މިހެންވެ ކުލަބުގެ އިސްވެރިންގެ ތެރެއިން ގިނަ މީހުންނަށް ވެސް ފެނުނީ 30 އަހަރުގެ ކުޅުންތެރިޔާ ވިއްކާލައިގެން މާލީގޮތުން ކުޑަނަމަވެސް ފައިދާއެއް ލިބެންއޮތްނަމަ އެފަދައިން އަމަލުކުރުމަށެވެ.

މިނިންމުން ނިންމަން ކުލަބަށް ފަސޭހަވީ މައިގަނޑު ސަބަބަކީ ވެސް ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު އަލޮންސޯ ދެއްކި ކުޅުމުގެ ސަބަބުންނެވެ. ސްވައިންސްޓައިގާ އަށްވުރެ ތިން އަހަރު ދޮށީ ކުޅުންތެރިއަކަށްވި ނަމަވެސް އަލޮންސޯ ވަނީ ސްވައިންސްޓައިގާ އަނިޔާގައިހުރި ދުވަސްވަރު ވަރަށް ރަނގަޅަށް އޭނާ ޕޮޒިޝަން ބަލަހައްޓައިފަ އެވެ. އަނެއްކޮޅުން 2011ގެ ފަހުން އަލޮންސޯ އަށް ބޮޑު އަނިޔާއެއްވެގެން ކުޅުމާ ދުރުގައި ހުންނަންޖެހިފައި ނުވުމަކީ ވެސް އޭނާ ދޫކޮށްލަން ޖެހުނު ސަބަބެކެވެ.

ސްވައިންސްޓައިގާ އަށް ވަނީ ދާދި ފަހުން ވަރަށް ގާތްގާތުގައި ތިން ފަހަރެއްގެ މަތީން ކަކުލާއި ކުޑަހުޅަށް ވަރަށް ސީރިއަސް އަނިޔާތަކެއް ކުރިމަތިވެފަ އެވެ. މީގެ ސަބަބުން ކޮންމެ ހަފުތާއެއްގައި ކުޅެން އޭނާ އަށް މިހާރު

އުނދަގޫތަކެއް އެބަހުއްޓެވެ. ޔަގީންވެ ކަށަވަރުވާ ކަމަކީ އޭނާ އަށް މެންޗެސްޓާގައި ވެސް ވަރަށް ބޮޑަށް މިކަމަށް ފަރުވާ ބަހައްޓަންޖެހިފައިވާކަމެވެ.

ޝްވައިންސްޓައިގާގެ ރަންދުވަސްވަރު ފާއިތުވެއްޖެ ކަމަށް ބުނުމަކީ ގޯހަކަށް ވެސް ވެދާނެ އެވެ. އެކަމަކު ޕްރެމިއާ ލީގުގައި އެއްސީޒަނުގައި 30 މެޗު ކުޅެވޭވަރަށް އޭނާ ފިޓްވެއްޖެނަމަ މިއ އާދަޔާހިލާފު ކުރިއެރުމަކަށް ނޫނީ ނުވާނެ އެވެ. ސްވައިންސްޓައިގާ ގެނައުމަކީ ރިސްކީ ކަމެއްކަމަށް ބަލަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ ވެސް މި އެވެ.

ޔުނައިޓެޑަށް ޝްވައިންސްޓައިގާ ދިއުމަކީ ހައިރާންކުރުވަނިވި ބަދަލެއްނޫނެވެ. އެކުލަބުގެ ކޯޗު ލުއިސް ވެންހާލް އަކީ ބަޔާންގައި ޝްވައިންސްޓައިގާގެ ކުރީގެ ކޯޗެވެ. މިހެންވެ ފުރަތަމަ ފަހަރަށް ކުލަބު ބަދަލު ކުރަން ޖެހުމުން އޭނާ ދިއުން އެންމެގާތް ކުލަބަކަށް ބެލެވިފައި އޮތީ ވެސް ޔުނައިޓެޑެވެ. އެކަމަކު ޔުނައިޓެޑުގައި އަބަދު ކުޅެން ބޭނުންނަމަ އަނިޔާއިން ސަލާމަތްވެފައިވާ ކުޅުންތެރިއަކަށް ޝްވައިންސްޓައިގާވާން ޖެހެ އެވެ. ސަބަބަކީ އޭނާ ކުޅެމުން އަންނަ ޑިފެންސިވް މިޑްފީލްޑް ޕޮޒިޝަނަށް ޔުނައިޓެޑުގައި މައިކަލް ކަރިކް މޮޅަށް ކުޅޭތީ އެވެ.

ޖަރުމަނުގެ ގައުމީ ކޯޗު ޖޯހިމް ލޯ ދެކޭ ގޮތުގައި އޭނާގެ ކެޕްޓަން ޔުނައިޓެޑަށް ދިއުމަކީ އަލުން މޮޅަށް ކުޅެން ފަށަން ލިބުނު ފުރުސަތެއް އަދި ބޮޑު ޗެލެންޖެކެވެ. ހަގީގަތުގައި ވެސް ޔުނައިޓެޑުން ބިޑްކުރީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަދި މޮޅަށް ކުޅެފައިވާ ކުޅުންތެރިއަކަށެވެ. ބުންޑަސްލީގާ އަށް ފަހަރު، ޖަރުމަން ކަޕް ހަތް ފަހަރު، އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ތިން ފަހަރު ވޯލްޑް ކަޕް ވެސް ކުޅެފަ އެވެ. އަދި އެއީ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ މިހާރުގެ ކެޕްޓަނެވެ.

އަނެއްކޮޅުން ޖަރުމަނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ފިލިޕް ލާމް އާއި ޑިފެންޑަރު ޕީޓަރ މަޓެސާކަރ ފަދައިން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަ ކުލަބު ލެވެލްގައި އަދިވެސް މޮޅަށް ކުޅޭނެ މީހަކަށް އޭނާ ވުމުގެ ފުރުސަތު ބޮޑުކަމަށް ޔަގީންކުރެވިދާނެ އެވެ. ނަމަވެސް ޝްވައިންސްޓައިގާ އަކީ 2016 ވަނަ އަހަރުގެ ޔޫރޯ އަށްދާ ޖަރުމަނު ޓީމުގެ ކެޕްޓަނެވެ. މިހެންވެ އޭނާ ލައްވައި ޔުނައިޓެޑުން ކުޅުވަންޖެހޭނީ އަދި އޭނާ ވެސް ކުޅެން ޖެހޭނީ ވެސް ވަރަށް ވިސްނުންތެރިކަމާއެކުގަ އެވެ.

ހަމަ ޔަގީނުން ވެސް ޝްވައިންސްޓައިގާ އަކީ މިހާރު ފިނިމޫސުމުގެ ބްރޭކް ބޭނުންވާ ކުޅުންތެރިއެކެވެ. އޭނާގެ ފައިގައި ހުއްޓުމެއްނެތި ކުޅެވާހާ ވަރެއްނެތެވެ. އަނެއްކޮޅުން މިހާތަނަށް އޭނާ ކުޅުނީ ޖަރުމަނު ލީގުގަ އެވެ. މިހެންވެ ފުރަތަމަ ޖެހޭނީ އިނގިރޭސި މާހައުލު ދަސްކުރާށެވެ. ޝްވައިންސްޓައިގާ އަކީ މަތިން އަންނަ ބޯޅަތަކަށް މޮޅު ކުޅުންތެރިއެކެވެ. އޭނާގެ ތަޖުރިބާ ބޭނުންކުރެވޭނެ އެވެ. އޭނާގެ ސަބަބުން ޖަރުމަނުގައި ޔުނައިޓެޑް ފްލޯކުރާ މީހުން ގިނަވާނެ އެވެ. އެއީ އަދިވެސް ޖަރުމަނުގެ ސަޕޯޓަރުންނަށް ހީރޯއެކެވެ. މިހެންވެ ބަޔާނުން އޭނާ ވިއްކާލަން ނިންމުމަކީ ކުލަބުގެ ސަޕޯޓަރުން ހިތްހަމަޖެހުނު ކަމެއްނޫނެވެ. އެމީހުން ދެކޭ ގޮތުގައި ގެއްލިގެން ދިޔައީ ކުލަބަށް 17 އަހަރު ކުޅެދިން އަގުހުރި ކުޅުންތެރިއެކެވެ. އެކަމަކު ގާޑިއޯލާ ކޯޗަކަށް އައިފަހުން ބަޔާނަށް ގެނައި ސްޕޭނުގެ ކުޅުންތެރިންނާހެދި ޝްވައިންސްޓައިގާ އަށް ފުރުސަތު ވަނީ ހަނިވެފަ އެވެ.