އެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯގެ ޕްރީ ސީޒަންގައި ބައިވެރިނުވާނެކަން ގްރީޒްމަން އަންގައިފި

އެތުލެޓިކޯ މެޑްރިޑްގެ ޕްރީ ސީޒަންގައި ބައިވެރިނުވާނެކަން، އެ ޓީމުގެ ފޯވަޑް އެންޓުއާން ގްރީޒްމަން ކުލަބަށް އަންގައިފި އެވެ.

ޕްރީ ސީޒަނަށް އެތުލެޓިކޯގެ ކުޅުންތެރިން ޓީމަށް ރިޕޯޓް ކުރަން ޖެހޭ ދުވަހަކީ މިއަދެވެ. ބާސެލޯނާ އަށް ގްރީޒްމަން ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް މިދިޔަ ދެތިން ހަފުތާއެއްގެ ތެރޭގައި ވަރަށް ފެތުރުނެވެ. މިދިޔަ ސީޒަންގެ އެންމެ ފަހު ކޮޅުގައި ގްރީޒްމަންވެސް ބުނެފައި ވަނީ އެތުލެޓިކޯ ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށެވެ.

ޕްރީ ސީޒަންގެ ޓްރެއިނިން ފަށަން ވަގުތު ކުޑަތަން ވެގެން އަންނައިރު، ގްރީޒްމަންގެ ޓްރާންސްފާ އާމެދު އޮތީ ވަކިގޮތެއް ނުނިމި އެވެ. ގްރީޒްމަންގެ ޓްރާންސްފާ ހެދިި ފެންމަތިވެފައިވާ ކަންކަމުން ބާސާ އާއި އެތުލެޓިކޯ އާ ދެމެދުވެސް ހިތްހަމަނުޖެހުންތައް ވަނީ އުފެދިފަ އެވެ.

އެތުލެޓިކޯއިން ބުނީ، މިިދިޔަ ސީޒަންގެ މުހިންމު ހިސާބެއްގައި، ގްރީޒްމަން ޓީމު ދޫކޮށްލަން ބޭނުންވާކަމަށް ކުލަބުގެ ކޯޗާއި ސީއީއޯ ގާތު ބުނެފައިވާ ކަމަށެވެ. އެއީ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިންނެވެ. އެ ކުލަބުން އިތުރަށް ބުނީ، ފެބްރުއަރީ މަހުގެ މެދުތެރެއިން ފެށިގެންވެސް ބާސެލޯނާއިން ގްރީޒްމަން އާ ވާހަކަ ދެއްކިކަން އެތުލެޓިކޯއަށް އެނގިފައިވާ ކަމަށެވެ. އަދި އެއީ އެތުލެޓިކޯއަށް ބާސާ އާއި ގްރީޒްމަން ކުރި ބޭ އިހްތިރާމްގެ އަމަލެއްކަމަށް އެތުލެޓިކޯއިން ސިފަ ކޮށްފަ އެވެ.

އެތުލެޓިކޯއިން ވަނީ 200 މިލިއަނު ޔޫރޯގައި އަގުކުރާ ގްރީޒްމަންގެ ޓްރާންސްފާގެ އަގު 120 މިލިއަނަށް ކުޑަ ކޮށްފަ އެވެ. ބާސާއިން ފަހުން ހުށަހަޅާފައި ވަނީ ބަހާލައިގެން ފައިސާ ދައްކާގޮތަށެވެ. އެކަމާ އެތުލެޓިކޯއިން އެއްބަހެއް ނުވެ އެވެ.

ޓީމުގެ ޕްރީ ސީޒަނަށް އެހެން ކުޅުންތެރިންނާއެކު ނުކުުތުމަށް ގްރީޒްމަނަށް އަންގާފައި ވާނެ ކަމަށްވެސް އެތުލެޓިކޯއިން ބުނެ އެވެ. ސްޕެއިންގެ ކުޅިވަރު ނުސް މާކާއިން ބުނީ ޕްރީ ސީޒަނަށް ހާޒިރު ނުވާނެ ކަމަށް ގްރީޒްމަންގެ ފަރާތުން އެތުލެޓިކޯއަށް އަންގާފައިވާކަން އެ ނޫހަށް އެނގިފައިވާ ކަަމަށެވެ.