ބޭރު ކުޅިވަރު

ލިވަޕޫލުގެ ޓްރާންސްފާ ޕޮލިސީ އަށް ކުރީގެ ޑިރެކްޓަރ ފާޑުކިޔައިފި

Jul 24, 2015

ލިވަޕޫލްއިން ކޮންމެ ސީޒަނެއްގައި މާގިނަ ކުޅުންތެރިން ގަތުމަކީ ގޯހެއްކަމަށާއި ކުރިއަށް އޮތް ސީޒަނުގައި ވެސް ގަދަ ހަތަރަކުން އެ ޓީމަށް ފުރުސަތު ލިބުން ދުރު ކަމަށް ކުރީގެ ސްޕޯޓިން ޑިރެކްޓަރު ޑެމައިން ކޮމޯލީ ފާޑުކިޔައިފި އެވެ.

"ލިވަޕޫލުން މާގިނަ ކުޅުންތެރިން އެބަގެނޭ އެއްފަހަރާ. ވަކިވަކި ކުޅުންތެރިންގެ ވާހަކަ ދެއްކުމުގެ ކުރިން ބުނަން ޖެހެނީ އެންމެ ޓްރާންސްފާ ވިންޑޯއެއްގައި މާގިނަ ބަދަލު ގެނައުމަކީ ގޯހެއް ކަމަށް. އަހަންނަށް ހީވަނީ މިދިޔަ ސީޒަނުގައި (ލުއިސް) ސުއަރޭޒް [ބާސެލޯނާ އަށް] ވިއްކާލާފައި ގެނައިހެން ނުވަ ކުޅުންތެރިން. މިހާރު އަނެއްކާ ނިންމާފައިވަނީ [އެތައް ބައިވަރު ކުޅުންތެރިން ގެނެސްގެން] އެވަނީ ބޮޑު ބަދަލެއް ގެންނަން، މިއީ ވަރަށް ވަރަށް ބޮޑު ރިސްކެއް،" ކުރިން ޓޮޓެންހަމުގައި ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކޮމޯލީ ބުންޏެވެ. 

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ފުރުސަތު ލިބި އެކަމަކު އެ މުބާރާތުގެ ފުރަތަމަ ބުރުން ލިވަޕޫލް ކެޓީ އެވެ. އަދި ޕްރެމިއާ ލީގު ނިންމާލީ ގަދަ ހަތަރެއްގައި ނުހިމެނި އެވެ. އެކަމަކު އޭގެ ކުރީ ސީޒަނުގައި ލިވަޕޫލް ލީގު ނިންމާލީ ދެ ވަނާގަ އެވެ.

ޓީމު ވަރުގަދަ ކުރުމަށް ލިވަޕޫލުން މިހާރު ވަނީ ހަތް ކުޅުންތެރިން ގެނެސްފަ އެވެ. އެއީ އެސްޓަންވިލާގެ ކްރިސްޓިއަން ބެންޓެކޭ އާއި މެންޗެސްޓާ ސިޓީގެ ޖޭމްސް މިލްނާ އާއި ޑެނީ އިންގްސް އާއި އާދަމް ބޯގަން އަދި ނެތަނިއަލް ކްލޭން އާއި ޖޯ ގޮމޭޒް އަދި ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ އެވެ. މީގެ އިތުރުން ޕީއެސްޖީގެ ޒުވާން ޑިފެންޑަރަކު ވެސް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލުން މި ކުޅުންތެރިން ގެނައުމަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު 49 މިލިއަން ޕައުންޑަށް ޓީމުގެ އެންމެ ވިދުންގަދަ އެއް ކުޅުންތެރިޔާ ރަހީމް ސްޓާލިން ވަނީ ވާދަވެރި ސިޓީ އަށް ވިއްކާލައިފަ އެވެ. އެއީ ކުލަބު ބަދަލު ކުރަން ކުޅުންތެރިޔާ ބޮޑާހާކަން ފެށުމުންނެވެ.

ކޮމޯލީ ބުނީ ލިވަޕޫލުން ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި މިދިޔަ ސީޒަނުގައ ގަތް ކުޅުންތެރިންނަށް ފުރުސަތުދޭންޖެހޭ ކަމަށެވެ. އަދި ލިވަޕޫލުން މިހާބޮޑެތި ބަދަލުތައް ގެންނައިރު ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ސިޓީ ފަދަ ކުލަބުތަކުން ގެންނަނީ ވަރަށް މަދު ބަދަލުތަކެއް ކަމަށާއި މީގެ ސަބަބުން އެކުލަބުތަކާ ވާދަކުރަން ލިވަޕޫލަށް ދަތިވާނެ ކަމަށެވެ.