ކުޅިވަރު

ޗެމްޕިއަން ކެމެރޫން އާއި ރަނަރަފް މިސްރު ކަޓައިފި

އެފްރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ކެމެރޫންއިން ނައިޖީރިއާ އަތްދަށުވެ މުބާރާތުން ކަޓައިގެން ދިޔައިރު އެންމެ ފަހުގެ ރަނަރަފް މިސްރުވެސް ދެކުނު އެފްރިކާ އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ދެ ވަނަ ބުރުގައި، ނައިޖީރިއާ އާއި ކެމެރޫން ބައްދަލު ކުރި މެޗު ނައިޖީރިއާއިން ކާމިޔާބު 3-2 އިންނެވެ. ނައިޖީރިއާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އޮޑިއަން އަލޯ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އާސެނަލްގެ ވިންގާ އެލެކްސް އިވޯބީ އެވެ. ކެމެރޫންގެ ލަނޑުތައް ކާމިޔާބު ކުރީ ސްޓޭފަން ބޮހޯކަން އަދި ކްލިންޓަން އެންޖީ އެވެ.

މުބާރާތް ބާއްވާ ގައުމު މިސްރާއި ދެކުނު އެފްރިކާ ކުޅުނު މެޗު އެފްރިކާ ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ދެކުނު އެފްރިކާގެ ލަނޑު ކާމިޔާބު ކުރީ، ތެމްބިންކޯސީ ލޯޗް އެވެ.

ކުއާޓާ ފައިނަލުގައި، ނައިޖީރީ އާއި ދެކުނު އެފްރިކާ ވާދަ ކުރާއިރު، ކުއާޓާގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ސެނެގޯލް އާއި ބެނިން އެވެ. ސެނެގޯލް ކުއާޓާ ފައިނަލަށް ދަތުރު ކުރީ، ޔޫގެންޑާގެ މައްޗަށް 1-0 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ސެނެގޯލްގެ ލަނޑު ޖެހީ ލިވަޕޫލްގެ ފޯވަޑް ސާދިއޯ މާނޭ އެވެ. ބެނިން ކުއާޓާ ފައިނަލަށް ދަތުރު ކުރީ، ޕެނަލްޓީ ޖަހައިގެން މޮރޮކޯ ބަލި ކުރުމަށް ފަހު އެވެ.