އުމުރުން 75 އަހަރުގައި، މިސްރުގެ އިއްޒަލްދީން ބިހަދިރު މިސްރުގެ ޕްރޮފިޝަނަލް ޑިވިޝަންގައި ކުޅެން ފަށައިފި އެވެ.
މިސްރުގެ ތިން ވަނަ ޑިވިޝަންގައި ވާދަ ކުރާ އޮކްޓޯބަރ 6 ގެ ޓީމަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުޅެން ފަށާފަ އެވެ. އެ މެޗުގައި ލިބުނު ޕެނަލްޓީ އަކުން އިއްޒަލްދީން ވަނީ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ.
ދުނިޔޭގެ ރެކޯޑް ފޮތުގައި އޭނާގެ ނަން ހިމެނުމަށް އޭނާ ދެން ކުޅެން ޖެހޭނީ އެއް މެޗެވެ.
ހަތަރު ކުދިންގެ ބައްޕަ އަދި ހަ ކާފަ ދަރިން ލިބިފައިވާ އިއްޒަލްދީން ބުނީ ޕްރޮފިޝަނަލް ޑިވިޝަންގައި މެޗެއް ކުޅެ ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔަކަށް އޭނާ ވާނެ ކަމަށެވެ.
އޭނާ ބުނީ މެޗުގެ 90 މިނެޓް ކުޅުނު ނަމަވެސް އެންމެ ފަހު ހަތަރު މިނެޓް ތެރޭގައި އޭނާއަށް އަނިޔާވި ކަމަށެވެ. އެހެންނަމަވެސް އެ ޝަރަފު ހާސލު ކުރުމަށް މެޗުގައި ފުލުކޮށް ކުޅެން ބޭނުންވީ ކަމަށެވެ.
އޭނާގެ ކުލަބު ކުޅޭ ދެ ވަނަ މެޗު އޮންނާނީ މި މަހު 21 ވަނަ ދުވަހު އެވެ. އެ މެޗަށް ފަހު އޭނާ އަކީ ދުނިޔޭގައި ފުޓްބޯޅަ ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑް ފޮތަށް އަރާނެ އެވެ.
މިވަގަުތު ދުނިޔޭގެ އެ ރެކޯޑް އޮތީ މިދިޔަ އަހަރު އިސްރާއީލްގެ ދަށް ޑިވިޝަންގައި ކުޅުނު އިސާކް ހަޔިކް އެވެ. އިސްރާއީލްގެ ޔެހުދާ ޓީމަށް އޭނާ ކުޅުނު އިރު އޭނާގެ އުމުރަކީ 73 އަހަރާއި 95 ދުވަހެވެ.