ބޭރު ކުޅިވަރު

ނާޒީ ނިޝާނެއް ދަނޑުގައި ކުރެހުމުން ކްރޮއޭޝިޔާ އަށް އަދަބުދެނީ

Jul 24, 2015

އިޓަލީއާ ދެކޮޅަށް ކްރޮއޭޝިޔާ ޔޫރޯ ކޮލިފައިންގައި ކުޅުނު މެޗުގައި ދަނޑުގެ ވިނަގަނޑުގައި ޖަރުމަނުގެ ނާޒީން ބޭނުންކުރި ނިޝާނެއް ފާޅުވާގޮތަށް ކުރަހާފައި ހުރުމުން އެ ގައުމަށް އަދަބުދޭން ޔޫއޭފާއިން ނިންމައިފި އެވެ.

އެ ޖަމާއަތުން ބުނީ މިއީ ފުޓްބޯޅައިގައި ހުއްދަ ކުރާ ކަމެއްނޫން ކަމަށެވެ. ނަސްލީ ގޮތުންނާއި ސިޔާސީ އެއްވެސް ކަމެއް ފުޓްބޯޅައިގެ ތެރޭގައި ނުކުރެވޭނެކަމަށެވެ.

ކްރޮއޭޝިޔާއިން ވަނީ މި މެޗުގެ އިންޓަވަލްގަޑީގައި މި ނިޝާން ފޮހެން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން މުޅިން ކާމިޔާބުވެފައެއްނުވެ އެވެ.

އެ ގައުމުގެ ރައީސް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ގައުމު ބަދުނާމުވާ ކަމަށެވެ.

ޔޫއޭފާއިން ވަނީ މިދިޔަ މާޗު މަހު ނޯވޭއާ ދެކޮޅަށް ކްރޮއޭޝިޔާ ކުޅުނު މެޗުގައި ނަސްލީގޮތުން ދިމާކުރުމުގެ އަމަލުތަކެއް ހިންގާފައިވާތީވެ އެ ގައުމުގެ ބައެއް މެޗުތަކަށް ސަޕޯޓަރުން ނުވައްދަން ނިންމައިފަ އެވެ.