ރ. މާކުރަތުގައި ހުރި އަވަށުގެ، އެ ރަށު ކައުންސިލަށް ނެގުމުން އެ ރަށުގެ ބައެއް މީހުން މުޒާހަރާ ކުރަން ފަށައިފި އެވެ.
މާކުރަތު ރައްޔިތުންގެ ރަށްވެހިގެ ހުރި ބިމުގައި ހުރި އިމާރާތް ހިންގާ ބެހެލެއްޓުމުގެ ބާރު ރަށު ކައުންސިލަށް ދީފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެޒެޓުކޮށްފަ އެވެ. ގެޒެޓުގައި އިއުލާންކޮށްފައިވާ ގޮތުގައި "އެ ބިމާއި އިމާރާތް ހިންގާ ބެލެހެއްޓުމުގެ ފުރިހަމަ އިހުތިޔާރާއި ބާރު އޮތް ފަރާތަކީ މާކުރަތު ކައުންސިލްކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އިން ސިޓީއިން މި ކައުންސިލަށް އަންގާފައިވާ" ކަމަށެވެ.
މި އިމާރާތް ރަށު ކައުންސިލަށް ނެގުމުން އެރަށުގެ ބަޔަކު އެއްވެ ދަނީ މުޒާހަރާ ކޮށް ކައުންސިލް މެންބަރުން އިސްތިއުފާ ދިނުމަށް ގޮވަމުންނެވެ. މުޒާހަރާގައި ބައިވެރިވި މީހަކު އަވަސް އަށް ބުނި ގޮތުގައި އެ އަވަށުގެ އަކީ، ރައްޔިތުންގެ ތެރެއިން މަދު ބަޔަކު ކުރި ބުރަ މަސައްކަތުން ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެތަން ކައުންސިލަށް ނެގުމަކީ ބޭ އިންސާފު ކަމެއް ކަމަށް ބުންޏެވެ.
މި މައްސަލައިގައި ރަށުގެ ކައުންސިލުް ރައީސް ހުސައިން އަލީ އަވަސް އަށް ވިދާޅުވީ، މިއީ މާ ކުރިންވެސް ކުރަން ވެފައި އޮތް ކަމެއް ކަމަށެވެ. އަދި، ރަށުގެ ވަަކި މަދު ބަޔަކު އަވަށުގެ އަމިއްލަކޮށް އޭގެން ފައިދާ ނަގަމުން ދާ ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލަށް އައި ދުވަހުން ފެށިގެންވެސް ކުރަމުން އައި މަސައްކަތެއް މިއީ. މީގެ ކުރީ ކައުންސިލްތަކުންވެސް އަޅާ ނުލި މައްސަލަ އެއް މީ. ވަކި ތިން ހަތަރު ބަޔެއްގެ އަމިއްލަ ތަނެއްގެ ގޮތުގައި ހަދާ އެތަނުން މަންފާ ކުރަމުންދަނީ. އެހެންވެ ސަރުކާރަށް ސިިޓީ ފޮނުވައިގެން މިތަން ކައުންސިލަށް ނެގީ" ކައުންސިލް ރައީސް ވިދާޅުވި އެވެ.
މި މައްސަލައިގައި ކައުންސިލުން ވަނީ ގަރާރެއް ނެރެފަ އެވެ. ގަރާރުގައި ބުނެފައިވަނީ، އަވަށުގެ ކުރިން ހިންގި ފަރާތްތައް މިއަދުގެ ނިޔަލަށް އެތަން ކައުންސިލަށް ހަވާލުކުރަން އަންގާކަމަށާއި މުއްދަތު ހަމަވުމުން ކައުންސިލުން އެތަނަށް ވަންނަން ނިންމާފައިވާ ކަމަށެވެ. އަދި ބުނެފައިވަނީ، އެކަމުގެ ތެރޭގައި ހަމަނުޖެހުން ހިންގާނެ ކަމުގެ ޔަގީންކަން އޮތުމުން ފުލުހުންގެ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށެވެ.
މާކުރަތުން އެންމެ ފަހުން މައުލޫމާތު ލިބުން ގޮތުގައި އަވަށުގެ ކައިރީ ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.