އެމްޓީސީސީ

ދެ ރަށެއްގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއަށް

ރ. އުނގޫފާރާއި އެ އަތޮޅު މާކުރަތުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ފްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫއުތަކުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން މަޝްރޫއުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ދަށުން 45،023.84 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 140 މީޓަރު ބޭރުތޮށި ޖެހުމާއި 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުުރުން 129 މީޓަރު ސަރަހައްދުގައި އެއްގަމުތޮށި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 26 މޫރިން ރިންގް ހަރުކުރުމާއި ފަސް ފޫރިން ބޮއި ހަރުކުރުމާއި ބޮޑު ސަރަހައްދެއްގައި ރޭމްޕް ހެދުމާއި 641 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނުވަ މަގު ބައްތި ޖެހުމުގެ އިތުރުން މިހާރު އެ ބަނދަރުގައި ހުރި މަރާމާތުގެ މަސައްކަތް ތައް އެމްޓީސީސީން ކުރަން ވަނީ ހަމަޖެހިފަ އެވެ.

އެ މަސައްކަތަކީ 26,677,466.90 ރުފިޔާގެ މަޝްރޫ އެކެވެ. އެ މަސައްކަތް ހަވާލުކުރީ 350 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މީގެ އިތިރުން އުނގޫފާރުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން 41،980 ކިއުބިކް މީޓަރު ބަނދަރި އަދި ނެރު ފުންކުރުމާއި 162 މީޓަރު ބޭރުތޮށި ޖެހުމުގެ އިތުރުން ދެ ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އުނގޫފާރު ނެރު ބަދަލު ކުރުމުގެ މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެއީ 18,588,276.60 ރުފިޔާގެ މަޝްރޫއެކެވެ.