ބޭރު ކުޅިވަރު

ބާސެލޯނާ ޖޫރިމަނާކޮށްފި

Jul 24, 2015

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބާސެލޯނާގެ ސަޕޯޓަރުން އެކުލަބު ނިސްބަތްވާ ސްޕޭނުގެ ކެޓަލޯނިއާގެ ދިދަ ދަނޑުގައި ބޭނުކުރުމުން ޔޫއޭފާއިން ބާސެލޯނާ ޖޫރިމަނާކޮށްފި އެވެ.

ފައިނަލުގައި އިޓަލީގެ ޔުވެންޓަސް ބަލިކޮށް މިދިޔަ ޖޫން މަހު ބާސެލޯނާ ޗެމްޕިއަންކަން ހޯދި މެޗުގައި ރީނދުލާއި ރަތްކުލައިގެ ދިދަ ބޭނުންކުރުމުން އެކުލަބު ޖޫރިމަނާކުރީ 30000 ޔޫރޯއިންނެވެ.

މިއަދަބު ޔޫއޭފާއިން ބާސެލޯނާ އަށްދިނީ މިއީ ސިޔާސީ ހަރަކާތަކަށްވުމުންނެވެ. އެއީ ސްޕޭނުން ވަކިވެ މިނިވަން ދައުލަތަކަށްވުމަށް ކެޓަލޯނިޔާ މީހުން މަސައްކަތްކޮށް އެ މައްސަލަ ސްޕޭނުގެ ޕާލިމެންޓުން ހުއްޓުވާފައިވަނިކޮށެވެ.

ބާސެލޯނާ އިން ވަނީ ކެޓަލޯނިއާ ސްޕޭނުން ވަކިވުމަށް ކުރާ މަސައްކަތަކަށް އެކުލަބުން ތާއީދުކުރާ ކަމަށް ރަސްމީކޮށް މި އަހަރު ކުރީކޮޅު އިއުލާނުކޮށްފަ އެވެ. އަދި މިކަމުގަ ބައެއް ހަރަކާތްތަކުގައި ޒަވީ ހަނާންޑޭޒް ފަދަ އެކުލަބުގެ ކުޅުންތެރިން ވެސް ބައިވެރިވެފައިވެ އެވެ.

ކެޓަލޯނިއާ ސްޕޭނުން ވަކިވާން ބޭނުންވަނީ ވެރިރަށް މެޑްރިޑާ ދެމެދު އޮތް ތަފާތު ކުރުމާއި ހަސަދެވެރިކަމުގެ ސަބަބުންނެވެ.

އަނެއްކޮޅުން އަންނަ ސީޒަނުގައި ބާސެލޯނާ ބޭނުންކުރާ އަވޭ ޖާޒީގެ ފަހަތުގައި މި ދިދަ ފާޅުވާގޮތަށް ވަނީ ޖާޒީ ފަރުމާކޮށްފަ އެވެ.