ހަބަރު

އައިއޯއައިޖީ ބާއްވަން ތާއިދު ހޯދަން މިނިސްޓަރުން ފުރާވަޑައިގެންފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާއިދު ހޯދުމަށް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ސީޝެލްސްއަށް ފުރާވަޑައިގެންފި އެވެ.

އެ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، އައިއޯއައިޖީ ރާއްޖޭގައި ބޭއްވިއްޖެ ނަމަ ފަހަކަށް އައިސް ރާއްޖޭގައި ބޭއްވޭ އެންމެބޮޑު ކުޅިވަރު އިހުތިފާލްއަށް ވާނެ ކަމަށެވެ. އަދި އެ މުބާރާތަކީ ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލް އަގުވާމީ މުބާރާތް ކަމަށާއި، އެންމެ ފުރަތަމަ ރާއްޖެއަށް ބައިނަލް އަގުވާމީ މުބާރާތެއްގައި ލިބުނު އެންމެ ފުރަތަމަ މެޑަލްވެސް ލިބުނީ އެ މުބާރާތުގައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން، އެ މުބާރާތް ރާއްޖޭގައި ބާއްވަން ސަރުކާރުން މަސައްކަތް ކުރަނީ އެންމެ އިސްކަމެއްގެ ގޮތުގައި ރާއްޖޭގެ ކުޅިވަރިގެ އިންފްރާސްޓްރަކްޗާއާއި، ވަސީލަތްތައް ތަރައްގީވެގެންދާނެ ތީ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް އެކަމުގެ ފައިދާ އެތައް ޒަމާނެއްވަންދެން ކުރަމުންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯ އާ ބައްދަލުކުރައްވައި، ރައީސްގެ ފަރާތްޕުޅުން ރަސްމީ ސިޓީފުޅެއް އެރުވުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި، ސީޝެލްސް ސަރުކާރުގެ އިސްބޭފުޅުންނާވެސް ދަތުރުފުޅުގައި އެބޭފުޅުން ބައްދަލުކުރައްވައި، ސީޝެލްސްއާއި ރާއްޖެއާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފަ އެވެ.