ހަބަރު

61 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ސާމާނު ހަވާލުކޮށްފި

Jul 13, 2020
2

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލުކޮށްފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ އިންޑިއާ ސަރުކާރުން، 2019 ވަނަ އަހަރުގެ މާޗް މަހު އެވެ.

ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ޔޫތު މިނިސްޓްރީ އަށް އަށް މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު، މަހުލޫފް ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ފެތުރި މަރު ގިނަ ވުމުގެ އެއް ސަބަބަކީ ދުޅަހެޔޮ ސިއްހަތެއްގައި ނެތުން ކަމަށެވެ. އަދި ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް މި ޕްރޮޖެކްޓުގެ ސަބަބުން އެހީވެދޭނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރުމަށް ސަރުކާރުން ވީ ވައުދުގެ ތެރެއިން ހިންގޭ ޕްރޮޖެކްޓެއްކަމަށެވެ. އަދި މިއީ ރަށްރަށުގައި އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ދޭދޭ ގުޅުންތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.