މިދިޔަ މަހު އެކަނިވެސް އެކްސިޑެންޓުތަކުގައި ޒަހަމްވެގެން އެމަޖެންސީއަށް ގެނައި 50 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެވިފައިވާކަމަށް، އޭޑީކޭ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި މަގުމަތީގައި ހިނގާ އެކި އެކި ޓްރެފިކް އެކްސިޑެންޓްތަކުގައި އޭޑީކޭގެ އެމަޖެންސީގައި މިދިޔަ ޖޫން މަހު 53 މީހަކަށް ވަނީ ފަރުވާދީފަ އެވެ.
އެ މީހުންގެ ތެރެއިން ނުވަ ޕަސަންޓް މީހުންގެ ކަށިގަނޑެއް ބިދި ނޫނީ ކަށިގަނޑަށް ގެއްލުން ވެފައިވާއިރު، 16 ޕަސަންޓް މީހުންގެ ބޮލަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އޭޑީކޭ އިން މައުލޫމާތުދެ އެވެ.
އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހާ ހަމައަށް މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގައި އަނިޔާ ލިބިގެން 335 މީހަކަށް ފަރުވާދީފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެގޮތަށް ބަލާއިރު، މި އަހަރުގެ އެންމެ ހަ މަސް ދުވަހުގެ ތެރޭގައި ރެކޯޑް ކުރެވިފައިވާ އަދަދު ވަނީ މިދިއަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. މިދިއަ އަހަރު އެކްސިޑެންޓުތަކުގައި އަނިޔާވެގެން އޭޑީކޭން ފަރުވާދީފައިވަނީ 284 މީހުންނަށެވެ.
މިއަހަރު އެންމެ ގިނަ މީހުންނަށް ފަރުވާދޭންޖެހިފައިވަނީ އޭޕްރީލް މަހު އެވެ. އެމަހު 73 މީހަކަށް ވަނީ އޭޑީކޭގެ އެމަޖެންސީގައި ފަރުވާދީފަ އެވެ.
މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. ގިނަ ފަހަރު އެކްސިޑެންޓްތައް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވައިގެންނެވެ.