އޭޑިކޭ ހޮސްޕިޓަލް

ހުޅުމާލެ އެކްސިޑެންޓްގައި އަނިޔާވި ދެމަފިރިންގެ ތެރެއިން ފިރިމީހާ މަރުވެއްޖެ

ހުޅުމާލޭގައި ދުއްވަމުން ދިޔަ ކާރަކުން ޖެހި އެކްސިޑެންޓްވި ސައިކަލްގައި ތިބި ދެމަފިރިންގެ ތެރެއިން ފިރިމީހާ މަރުވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ މިދިޔަ ހަފްތާގައި ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރަކުން ދެ ސައިކަލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓާ ގުޅިގެން ދެ ސައިކަލްގައި ތިބި ހަތަރު މީހުންނަށްވެސް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލް ގައެވެ.

މިއެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވީ އެއް ސައިކަލެއްގައި ތިބި ދެމަފިރިންނަށެވެ. މި ދެމަފިރިންގެ ބޮލަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަކާ ގުޅިގެން ފަހުން މި މީހުންނަށް ފަރުވާ ދެމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލް ގައެވެ.

މި ދެމަފިރިންގެ ތެރެއިން އުމުރުން 59 އަހަރުގެ ފިރިމީހާ ރޭ މެންދަމުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށާއި އަންހެން މީހާއަށް އައިސީޔޫގައި މިހާރުވެސް ފަރުވާ ދެމުންދާ ކަމަށް އޭޑީޚޭ ހޮސްޕިޓަލުން ބުނެ އެވެ.

މިއެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން ފިރިހެން މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.