ރާއްޖެ ކުޅިވަރު

ބައިބަލާ މުބާރާތް މެދުކަނޑާލައިފި

Jul 24, 2015

މިނިވަން 50 ގެ ހަރަކާތްތަކަށް ބައިބަލާ މުބާރާތް މެދުކަނޑާލައިފި އެވެ.

އީދު ދުވަހުގެ ރޭ ފެށި މުބާރާތް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައިމިވަނީ މުބާރާތުގައި މައްސަލަތަކެއް ވެސް ޖެހިފައިވަނިކޮށް، އަދި މިދިޔަ ދެ ރޭ ވިއްސާރައިގެ ސަބަބުން މެޗުތައް ކުޅެވޭގޮތް ނުވެފައިވަނިކޮށެވެ.

ބައިބަލާ އެސޯސިއޭޝަނުގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ މުބާރާތް މެދުކަނޑަލާންޖެހުނީ މުބާރާތުގައި ކުޅޭ ބައެއް ޓީމުތައް މިނިވަން50ގެ ހަރަކާތްތަކުގައި ބިޒީވުމުން ކަމަށެވެ.

"މީގެ އިތުރުން މި ވަގުތު މެޗުތައް ލައިވްކުރަން ޓީވީއެމަށް ވެސް ދަތި. ދެން ޓީމުތައް ވެސް ބިޒީއެބަވޭ. ދެން މިނިވަން50ގެ ތެރޭގައި މެޗުތައް ކުރިއަށް ގެންދިއުން ވެސް ރަނގަޅެއްނޫން. އެންމެންގެ ވެސް ފޯކަސް މިހުރީ މިނިވަން50 އަށް. އެހެންވީމަ ދެން ފަށާނީ 28ގެ ފަހުން،" އަސްއަދު ވިދާޅުވި އެވެ.

ޖުމުލަ 54 ޓީމާއެކު ފެށި މުބާރާތުގައި ބާކީ ދެން އޮތީ ގަދަ 16ގެ މެޗުތަކާއި ފުރަރަމަ ފުރުގެ އެންމެ މެޗެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ހުށަހަޅާފައިވެ އެވެ.