ހަބަރު

އިމްރާންގެ ވާހަކަތައް ރިޔާޒާއި ހުސެއިން ވަހީދު ވެސް ދޮގުކޮށްފި

ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި އަބްދުﷲ ލުތުފީ ހޯދައި، އޭނާ ރާއްޖެ ގެންނަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެއްވެސް ސަމާލު ކަމެއް ނުދެއްވި ކަމަށް މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ވިދާޅުވުމަށް ކުރީގެ ދެ ޕޮލިސް ކޮމިޝަނަރުން ފާޑުވިދާޅުވެއްޖެ އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލުތުފީ ގެންނަން ގިނަ މަސައްކަތްތައް ކުރެވި، ގާތްގަނޑަކަށް ނިމުމަކާ ހަމައަކަށް އާދެވުނު ކަމަށެވެ. ނަމަވެސް އެއިރު ލުތުފީ އަނބުރާ ނުގެނެވުނީ އޭނާ އަނބުރާ ރާއްޖެ ގެނައުމަކީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ ކަމުގެ ހުއްދަ ނުދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން އެހެން ވިދާޅުވުމާއެކު، މީޑިއާއާ ދުރުގައި އުޅުއްވާ ކުރީގެ ސީޕީ އަހުމަދު އަރީފް ވަނީ އަވަސްއަށް ދިން އިންޓަވިއުއެއްގައި އެކަން ދޮގު ކުރައްވާފަ އެވެ. އުމަރު ކުރެއްވި މަސައްކަތް ގާތުން ދުށް އެކަމުގައި ބައިވެރިވި ބޭފުޅެއްގެ ހައިސިއްޔަތުން އަރީފް ވިދާޅުވި ގޮތުގައި އިމްރާން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ލުތުފީ ގެންނަން އުމަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

އަރީފްއާ އެއްގޮތަށް އެ މައްސަލާގައި ކުރީގެ ދެ ސީޕީއިން ކަމަށްވާ އަބްދުﷲ ރިޔާޒާއި ހުސެއިން ވަހީދު ވެސް މި ވަނީ ވާހަކަ ދައްކަވާފަ އެވެ.

މިހާރު ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިލައިގެން އުޅޭ މީހުން ހޯދަން ހޯމް މިނިސްޓަރުގެ ހުއްދަ ފުލުހުން ހޯދަން ނުޖެހޭ ކަމަށެވެ. ގާނޫނުގައިވާ ގޮތަށް ކަންކަން ކުރުމަކީ ފުލުހުންނަށް ލާޒިމް ކަމެއް ކަމަށެވެ.

ރިޔާޒްގެ ފަހުން ސީޕީކަމުގައި ހުންނެވި ހުސެއިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިމްރާންގެ ވާހަކައަކީ އަމިއްލަ ހިޔާލީ ވާހަކައެއް ކަމަށާއި އުމަރު މިނިސްޓަރު ކަމުގައި އެފަދަ ވާހަކައެއް ދައްކާފައިނުވާ ކަމަށެވެ. އަދި ލުތުފީ ހޯދަން ރައީސް އަބުދުﷲ ޔާމީނާއި އުމަރު ނަސީރު މަސައްކަތް ކުރެއްވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ އެޖެންޑާގައި ލުތުފީ މައްސަލަ ހިމެނިފައިވާނެ، ލަންކާގެ ކަމާ ގުޅުންހުރި ފަރާތްތަކާ ލުތުފީއާބެހޭ މައުލޫމާތު ހިއްސާ ކުރެވުނު، އެދަތުރުފުޅަށްފަހު ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ކުރި ރަސްމީ ދަތުރުގައިވެސް ލުތުފީއާ ގުޅޭ މައުލޫމާތު ހިއްސާ ކުރެވި އޭނާާ ހޯދަން މަސައްކަތް ކުރެވުނު،" ވަހީދު ވިދާޅުވި އެވެ.

"އޭރު ލުތުފީ އުޅުނީ ފިލައިގެން، އަދި މައުލޫމާތު ލިބޭ ގޮތުން ކޮންމެވެސް ވަރަކަށް ސިފަ ބަދަލުކޮށްގެން، އެމައުލޫމާތުތައް ވާނީ އުމަރުގެ ލަފާފުޅާ އެއްގޮތަށް ލަންކާގެ ކަމާގުޅުންހުރި ފަރާތްތަކާއި ހިއްސާ ކުރެވިފަ، އޭރު ފިއްލަވައިގެން އުޅުއްވި ބޭފުޅެއް މިއަދު ފެނުމުން އަމަލު ކުރައްވަން ޖެހޭ ގޮތައް އަމަލު އަމަލު ކުރީމަ ރަނގަޅުވާނެ ކަމަށް ދެކެން،" ހުސެއިން ވަހީދު ވިދާޅުވި އެވެ.

ވަހީދު އިތުރަށް ވިދާޅުވީ، މަޖިލިސްގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަތަކަކީ މަޖިލިސް މެންބަރުންނަށް އޮޅުވާލުމަށް ކުރެއްވި ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ލުތުފީ ޖެނުއަރީ 2010 ގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔަ ފަހުން އަދި އަނބުރާ ރާއްޖެ އައިސްފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ މެއި މަހުން ފެށިގެން ލުތުފީ އުޅެމުން ދަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގަ އެވެ. ނަމަވެސް އެ ކަން ސަރުކާރުން ރަސްމީކޮށް ހާމަކުރީ ސޯޝަލް މީޑިއާގައި އުމަރު އެ ވާހަކަ ދެއްކި ފަހުން މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ.

ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑްގައި ކުރަމުންދާ ކަމަށް އިއްޔެ ވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ. އޭނާ ގެނައުމަށް މިހާރު ބޭނުންވަނީ ލަންކާގެ ޑިފެންސްގެ ލިޔުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.