ހަބަރު

ޝަފީއު ގެއްލުނު މައްސަލަ ބަލަން ކޮމިޝަންގެ ޓީމެއް ފުވައްމުލަކުގައި

ފުވައްމުލަކުން ގެއްލިފައިވާ މުހައްމަދު ޝަފީއުގެ މައްސަލަ ތަހުގީގުކުރުމަށް ވީނުއީއެއްނޭގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ޝަފީއު ގެއްލިފައިވަނީ 14 ޖުލައި 2017 ގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެ އެވެ. އެމައްސަލަ އަލުން ބަލައިދޭން ފުލުހުންނަށް ގޮވާލާ މީހަކު ކޮށްފައިވާ ޓުވީޓަކާއި ގުޅިގެން، ގެއްލުވާލާފައިވާ މީހުންނާއި، މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުންކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އެކޮމިޝަނުގެ ތަހުގީގު ޓީމެއް، އެ މައްސަލަ ބެލުމަށްޓަަކައި ފުވައްމުލަކުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ފުވައްމުލަކު ރައްޔިތުންގެ ގުޅިގެން ކުރި ނަމަވެސް، މިއަދާ ހަމަޔަށްވެސް އޭނާ ފެނިފައެއްނުވެ އެވެ.

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުން ކޮށްފައިވާ ޓުވީޓް

ޝަފީއު ގެއްލުމާއި ހަމަޔަށް ވާޒީފާ އަދާ ކުރަމުން އައީ އަންގާގާ ރިސޯޓުގެ ރޫމް އެޓެންޑެންޓެއްގެ ގޮތުގައެވެ. އޭނާ ރަށަށް ގޮސްފައިވަނީ ޗުއްޓީއަކަށެވެ.