ދުނިޔެ

ޒަހަރާންގެ ގޭންގު ނައްތާލެވުނަސް އަދިވެސް ބިރު އެބަ އޮތް: ލަންކާ

ސްރީލަންކާގެ ފައްޅިތަކަކާއި ހޮޓާތަކަކަށް މިއަހަރުގެ އޭޕްރީލް މަހު ދިން ހަމަލާތަކުގައި އެންމެ އިސްކޮށްހުރި ޒަހަރާން ހާޝިމް އާއި އޭނާ ނިސްބަތްވާ ގޭންގް ނައްތާލެވުނު ނަމަވެސް ޓެރަރިސްޓް ހަމަލާއެއްގެ ބިރު އެއްކޮށް ފިލައިގެން ނުދާކަމަށް ސްރިލަންކާގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވިދާޅުވެއްޖެ އެވެ.

ރުވާން ވިޖޭވަރުދަނަ ނޫސްވެރިންނަށް ވިދާޅުވީ، އޭޕްރީލް މަހުގެ ހަމަލާތަކުގެ ފަހަތުގައި ތިބި ގޫރޫޕު އެއްކޮށް ނައްތާލެވުނު ކަމަށްވިޔަސް، ދީނީ ހަރުކަށި ފިކުރުގެ އެންމެ މީހަކު ދީފާނެ ޓެރިރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ ފުރުސަތު އޮންނާނެ ކަމަށެވެ

ދޮގު ހަބަރުތައް އިތުރަށް ފެތުރެމުންދާތީ ލަންކާގެ އަސްކަރިއްޔާއިން އަދި ސީއައިޑީން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ދޮގު ހަބަރު ފެތުރުން ހުއްޓުވުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާއިރު، ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ކަމަށް ބެލެވޭ މީހުނަށް ފާރަލަމުންދާ ކަމަށެވެ.

އެޕްރީލް މަހު ލަންކާއަށް ދީފައިވާ ހަމަލާތަކުގައި 258 މީހުން ވަނީ މަރުވެފަ އެވެ. އެ ހަމަލާތަކާާއި ގުޅިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފަ އެވެ. މިކަމުގެ ޖާސޫސީ މައުލޫމާތު ލިބުމުން ފިޔަވަޅު ނަޅާ ދޫކޮށްލި މައްސަލައިގައި ލަންކާގެ ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރުންތަކެއް ވަނީ މަގާމުން ވަކިކޮށްފަ އެވެ.