ފިލިޕީންސްގެ ގައުމީ ފުޓްބޯޅަ ޓީމާއެކު އެކުވެރިކަމުގެ މެޗެއް ކުޅެން ދިވެހިރާއްޖެ އަށް ދައުވަތުދީފި އެވެ.
މި މެޗަކީ އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ވޯލްޑްކަޕް ކޮލިފައިންގައި އުޒުބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ޕިލިޕީންސްއިން އެ ގައުމުގައި ކުޅެން ބޭނުންވާ މެޗެކެވެ.
ނަމަވެސް ރާއްޖެއިން އަދި މެޗު ކުޅުމާމެދު ވަކިގޮތެއް ނުނިންމަ އެވެ.
ރާއްޖޭގެ އިތުރުން ޕިލިޕީންސްއިން ވަނީ ނިއުޒީލޭންޑް އަށް ވެސް ދައުވަތުދީފަ އެވެ. މި ދެ ގައުމަށް ދައުވަތުދިނީ ތައިލެންޑާއި ވިއެޓްނާމާއެކު މެޗެއް ކުޅެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.
ފިލިޕީންސްގެ ކޯޗު ޑާން ޕަލާމީ ބުނީ އަމިއްލަ ދަނޑުގައި ވޯލްޑް ކަޕް ކޮލިފައިންގައި އުޒުބަކިސްތާނާ ދެކޮޅަށް ނުކުތުމުގެ ކުރިން އޭނާގެ ޓީމު އަމިއްލަ ދަނޑުގައި މެޗުތަކެއް ކުޅެ ފަރިތަކުރަންޖެހެ ކަމަށެވެ. އެއީ އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުން ވީހާ ރަނގަޅު ނަތީޖާތަޖެއް ނެރުމަށްޓަކައި ކަމަށެވެ.
ޕިލިޕީންސާއި ރާއްޖެ މެޗު ކުޅެން ހަމަޖެހިއްޖެނަމަ މި މެޗު ވެގެންދާނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގައި ޕިލިޕީންސް އަތުން ބަލިވި ފަހުން މި ދެ ގައުމު މެޗެއް ކުޅޭ ފުރަތަމަ ފަހަރަށެވެ. ޗެލެންޖް ކަޕުގައި ޕިލިޕީންސް އަތުން ރާއްޖެ ބަލިވީ 3-2 އިންނެވެ.
ގައުމީ ޓީމު މިހާރު ތައްޔާރުވަމުންދަނީ އަންނަ މަހު އެކެއްގައި ރިޔޫނިއަންގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަ އެވެ. މި މުބާރާތުގެ ކުރިން އިންޑިޔާއާއެކު މާލޭގައި މެޗެއް ކުޅުމުގެ ފުރުސަތު ވެސް ރާއްޖެ އަށް ވަނީ ލިބިފަ އެވެ. ނަމަވެސް އަދި ވަކިގޮތެއް ނުނިންމަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ޕިލިޕީންސް މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވީ ނަމަވެސް ރާއްޖެ ވަނީ ކުޅުނު ދެ މެޗުގައި ގަތަރާއި ހޮންކޮން އަތުން ބަލިވެފަ އެވެ. އަދި ކޮލިފައިން މެޗުތަކުގެ ކުރިން ގައުމީ ޓީމަށް ރަނގަޅު މެޗުތަކެއް ކުޅެން ފުރުސަތު ހޯދުމަށް އެފްއޭއެމުން ވެސް ދަނީ ތައްޔާރުވަމުންނެވެ.