ހަބަރު

އިތުރު ގައުމުތަކަށް ސަފީރުން އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

ބޭރުގެ ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައިވާ 12 ސަފީރެއް އިތުރު ގައުމުތަކުގެ ނޮން ރެސިޑެންޓް ސަފީރުންނަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މިއަދު ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެ 12 ސަފީރުންގެ ތެރެއިން އަށް ސަފީރުންނަށް އެހެން ގައުމުތަކުގެ ނޮން ރެސިޑެންޓް ސަފީރުންނަށް އައްޔަން ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ އިއްތިފާގުންނެވެ. ބާކީ ސަފީރުންނަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ އިއްތިފާގުންނެވެ. ކޮންމެ ސަފީރަކަށް ރުހުން ދިނުމަށް ވޯޓަށް އެހީ ވަކިވަކިންނެވެ.

ސްރީލަންކާއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުލް ރައްޒާގް އައްޔަން ކުރީ ސީޝަލްސްއާއި މޮރީޝިއަސްއާއި ކަޒަކްސްތާންގެ ނޮން ރެސިޑެންސް ސަފީރަށެވެ. އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރީ ބޫޓާނާއި އަގްފާނިސްތާންގެ ނަން ރެސިޑެންސް ސަފީރަށެވެ.

މެލޭޝިއާއަށް ކަނޑައަޅާފައިވާ ސަފީރު ވިޝާމް އަލީ އައްޔަން ކުރީ ބްރޫނާއީއާއި އިންޑޮނޭޝިއާގެ ނަން ރެސިޑެންސް ސަފީރަށެވެ. ސިންގަޕޫރަށް ކަނޑައަޅާފައިވާ ސަފީރު ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރީ އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގެ ނަން ރެސިޑެންސް ސަފީރަށެވެ. ޖަޕާންގެ ސަފީރު އިބްރާހިމް އުވައިޝް އައްޔަން ކުރީ ދެކުނު ކޮރެއާގެ ނަން ރެސިޑެންސް ސަފީރަށެވެ.

ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހަލީމް އައްޔަން ކުރީ ކުވައިތާއި ޖޯޑަންގެ ނަން ރެސިޑެންސް ސަފީރަށެވެ. ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ) ގެ ސަފީރު ޑރ. ހުސައިން ނިޔާޒު އައްޔަން ކުރީ އޮމާނާއި ބަހްރައިންގެ ނަން ރެސިޑެންސް ސަފީރަށެވެ.

އިނގިރޭސިވިލާތުގެ ސަފީރު ޑރ. ފަހަރަހަނާޒް ފައިސަލް ވަނީ އައިސްލޭންޑްއާއި، ފްރާންސް، އަދި ސްޕެއިންގެ ނަން ރެސިޑެންސް ސަފީރަށް އައްޔަން ކޮށްފަ އެވެ. ޖަރުމަންގެ ސަފީރު އަހުމަދު ލަތީފު އައްޔަން ކުރީ ޑެންމާކް، ނޯވޭ، ސްވިޑެން، ފިންލޭންޑް، އަދި ރަޝިޔާގެ ނަން ރެސިޑެންސް ސަފީރަށެވެ.

ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި ބެލްޖިއަމަށް ކަނޑައަޅާފައިވާ ސަފީރު ހަސަން ސޯލިހް އައްޔަން ކުރީ ނެދަލޭންޑްސްއާއި ލަކްޒަމްބާގްގެ ނަން ރެސިޑެންސް ސަފީރަށެވެ. އދ. އާއި އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު ތިލްމީޒާ ހުސައިން އައްޔަން ކުރީ ކެނެޑާގެ ނަން ރެސިޑެންސް ސަފީރަށެވެ.