އީޕީއޭ

ގަވާއިދާ ހިލާފަށް ވެލި ނަގައި ވިއްކާ މައްސަލަ ބޮޑު: އީޕީއޭ

ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ވެލި ނަގައި ވިއްކަމުންދާ މައްސަލަ މި ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާ ކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގެދޮރު ހެދުންފަދަ ޒަރޫރީ ބޭނުންތަކަށް ރަށްރަށުގެ ގޮނޑުދޮށުންނާއި، އަދި ފިނޮޅުތަކުން ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ވެލި ނަގަމުންދާ ކަމަށެވެ. އަދި ހުއްދަ ދީފައިވާ މިންވަރަށްވުރެ އިތުރަށް ވެލި ނެގުމަށްފަހު އެ ވެލި އެހެން ފަރާތްތަކަށް ވިއްކާ ނުވަތަށް ވެލި އަލުން މޫދަށް އަޅައި ގުދުރަތީ ވަސީލަތްތަށް އިސްރާފުކުރަމުންދާ ކަމަށެވެ.

މީގެ އިތުރުންވެސް އީޕީއޭގެ ބަޔާނުގައި ވަނީ ޕަމްޕު ބޭނުންކޮށްގެން ވެލި ނަގާއިރު ހުއްދަ ނުހޯދާ ވެލި ނަގަމުންދާ ކަމުގެ މައްސަލަތަށް ފެންމަތިވެފައިވާ ކަމަށް ބުނެފަ އެވެ. އީޕީއޭ އިން މެޝިނަރީސްތަށް ބޭނުންކޮށްގެން ވެލި ނެގުމުގެ ހުއްދަ ދެވޭނީ ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ބަލާ ރިޕޯޓް ހަދައި ހުއްދަ ނަގައިގެން ކަމަށެވެ.

ޒާރޫރީ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ވެލި ނަގަމުންދާ ފަރާތްތަށް ގާނޫނީ އިމުގެ ތެރެއިން އެކަންް ކުރުމަށް އީޕީއޭ އިން ވަނީ އެދިފަ އެވެ. އަދި ކައުންސިލްތަކުން އެކަންތަށް އިތުރަށް މޯނީޓާ ކުރަން އެދޭ ކަމަށްވެސް އީޕީއޭގެ ނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާން ނިންމާލަމުން އިޕީއޭ ބުނީ ގަވާއިދާ ހިލާފަށް ވެލި ނަގަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.